ލ. އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ހިމެނޭ، މީހުން ދިރިއުޅޭ ރަށްރަށަށް އެންދެރި މަޝްރޫޢުގެ ދަށުން ހަވާލުކުރި ގްރާންޓްތަކަކީ މި ސަރަހައްދުތަކުގެ ފައިދާ ފުރިހަމަ ގޮތުގައި ހޯދުމަށް ލިބުނު އަގުހުރި ފުރުޞަތެއްކަމުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޠާރިގް މިހެން ވިދާޅުވީ މި ގްރާންޓްތައް ހަވާލުކުރުމަށްޓަކައި ލ. ފޮނަދޫގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ މި ގްރާންޓްތައް އަވަސް ގޮތެއްގައި ރަނގަޅަށް ބޭނުންކޮށްފިނަމަ މިފަދަ އެހެން ގްރާންޓްތަކާއި މަޝްރޫޢޫތަކަށް ވެސް ދޮރުތައް ހުޅުވިގެންދާނެކަމަށެވެ.
މި ގްރާންޓްތަކުގެ ދަށުން ލ. ގަން، މާބައިދޫ އަދި ހިތަދޫއަށް ކޮންމެ ރަށަކަށް 2 މިލިއަން ރުފިޔާގެ ހިލޭ އެހީ ވަނީ ދީފައެވެ. މި ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެންދެރި މަޝްރޫޢުން މި ރަށްތަކުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ތައްޔާރުކޮށްދީފައިވާ މެނޭޖްމަންޓް ޕްލޭންތައް ތަންފީޒުކުރުމަށެވެ.
މީގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި މަދަނީ ޖަމްޢިއްޔާތަކާއި އާންމު ފަރުދުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި އެންދެރި މަޝްރޫޢުން ދޫކުރާ ސްމޯލް ގްރާންޓްސް ގެ ދެވަނަ ބުރަށް ހޮވުނު ފަރާތްތަކަށްވެސް ގްރާންޓް ލިބުނު ކަމުގެ ލިޔުން ހަވާލު ކުރިއެވެ. މި ބުރުގެ ގްރާންޓަށް ހޮވުނު ތިން ޖަމްޢިއްޔާއަކަށް ޖުމްލަ 1.5 މިލިއަން ރުފިޔާ ފޯރުކޮށްދޭނެއެވެ. 2022 ވަނަ އަހަރު ހިންގި ގްރާންޓްގެ ފުރަތަމަ ބުރުގައި ލ. އަތޮޅުގެ 10 ރަށަކުން 10 ޖަމްޢިއްޔާއަކަށް ޖުމްލަ 2.1 މިލިއަން ރުފިޔާ ވަނީ ފޯރުކޮށްދީފައެވެ.



