ތެލެސީމިއާ އެންޑް ހެމޮގްލޮބިނޯޕަތީސް ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި މެލޭޝިއާގެ ކުންފުންޏަކާއެކު ރޭ ސޮއިކޮށްފި އެވެ.
ހުޅުމާލޭ ފޭސް 2 ގައި އަޅާ މި ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމެވެ. މެޑޯ އޭޝިއާ، ޗިން ހިން އިންޖީނިއަރިން ގްރޫޕް އަދި ސައިނޯމާ އިންޖީނިއަރިންގ އިންޑަސްޓްރީގެ އިސްވެރިންވެސް ސޮއިކުރެއްވިއެވެ.
ޞިއްޙީ ވުޒާރާއިން މައުލޫމާތު ދެއްވާގޮތުގައި މި ހޮސްޕިޓަލް އެޅުމަށް 72،000 އަކަފޫޓުގެ ބިމެއް ހަމަޖެހިފައިވެއެވެ. މިއީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތެލަސީމިއާ ކުދިންނަށް ޚާއްޞަ ފަރުވާތައް ދެވޭނެ ހޮސްޕިޓަލެކެވެ.
ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ ތެރޭގައި ލެބޯޓްރީ، ވޯޑްތައް، އައިސީޔޫ އަދި ގުނަވަން ބަދަލުކުރުމުގެ ޚިދުމަތްތައް ހިމެނެއެވެ.
ތެލެސީމިއާ ކުދިންނަށް ޚާއްޞަ ހޮސްޕިޓަލެއް އެޅުމަކީ ރައީސް މުޙައްމަދު މުއިއްޒުގެ ވަޢުދެކެވެ. މި ހޮސްޕިޓަލާއެކު، ތެލެސީމިއާ ބަލީގެ ފަރުވާ ރާއްޖޭގައި އިތުރަށް ހަރުދަނާވާނެ ކަމަށް ބެލެވެއެވެ.



