ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމަށް މި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ހެޔޮ ބަދަލު މިހާރުވެސް ފެންނަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރ ތާރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ
ސަރުކާރުން ބާއްވާ އަހާ ފޯރަމްގައި ރޭ އާއްމު މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ތާރިގް ވިދާޅުވީ ފަތުރުވެރިންނަށް ހިދުމަތް ދޭ ރިސޯޓުތަކުން ލިބޭ އާމްދަނީން ވަކި އިންސައްތައެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރުމަށް ލާޒިމްވާ ގަވައިދު އެކުލަވާލުމާއި އެކު ހައްލު ފެންނަން ފެށިކަމަށެވެ. އަދި އޭގެ ފަހުން ޑޮލަރުގެ ކަޅު ބަޒާރުގައި އަގުތައް ދިޔައީ ދަށަށްކަން ފާހަގަކުރައްވައި، ސަރުކާރުން ގެންގުޅުއްވާ ބައެއް ސިޔާސަތުތައް ހާމަކުރެއްވިއެވެ.
” މިހާރު ބްލެކްމާކެޓުގައި ވެސް ޑޮލަރު ހުރި އަގުތައް ދަށަށް ދާ ކަން އެއީ ޝައްކެއް ވެސް ނެތް، އަޅުގަނޑުމެން ހުރިހާ އެންމެންނަށް ވެސް އެނގޭ ކަމެއް،” ޑޮލަރުގެ މައްސަލަ ހައްލު އަންނާނެކަން ފާހަގަކުރައްވަމުން މިނިސްޓަރ ތާރިގު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި، ސަރުކާރުގެ ފިޔަވަޅުތަކުގެ އެއް ނަތީޖާއެއްގެ ގޮތުން އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ. އަދި ކުރިޔަށް އޮތީ ރަމަޟާން މަސްކަމަށްވުމާއި އެކު އުމްރާވެރިންނަށް ހާއްސަކޮށް އިތުރު 1،500 ޑޮލަރު ހަމަޖައްސައިދޭން ސަރުކާރުން ނިންމާފައިވާކަމަށް ވިދާޅުވިއެވެ. މި ސިޔާސަތުތައް ސަރުކާރަށް ތަންފީޒު ކުރެވެނީ މިނިސްޓަރ ވިދަޅުވި ގޮތުގައި ރިސޯޓުތަކަށް ލިބޭ އާމްދަނީން ވަކި އަދަދެއް ބޭންކުތަކަށް މާރުކުރުމަށް ލާޒިމް ކުރުމެވެ.
ބޭރު ފައިސާގެ ގާނޫނަށް އަމަލު ކުރަން ފެށިފަހުން މިހާތަނަށް 50 މިލިއަން ޑޮލަރު މާރުކޮށްފައިވާކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ވަނީ ބުނެފައެވެ. މީ އެ ބޭންކުން އަންދާޒާކުރި ވަރަށްވުރެ 10 ހާސް ޑޮލަރުގެ އިތުރުވުމެކެވެ.



