ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހު ފެށުމަށް ހަމަޖައްސައި، އެޑިއުކޭޝަން މިނިސްޓްރީން އެކަޑެމިކް ކަލަންޑަރު އާންމުކޮށްފި އެވެ.
މިނިސްޓްރީން އިއްޔެ އާންމުކުރި ކަލަންޑަރުގައިވާ ގޮތުން، މި އަހަރުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 24 ގައެވެ. އަދި ދެވަނަ ޓާމު ފަށާނީ އޮގަސްޓު 10 ގައެވެ. ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 28 ގައެވެ.
ރާއްޖޭގައި ކުރިން ދިރާސީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ޖެނުއަރީގައި ނަމަވެސް، 2021 ވަނަ އަހަރު ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ގެނައި ބަދަލުތަކުގެ ތެރެއިން، ދިރާސީ އަހަރު ފެށުން އޮގަސްޓު މަހަށް ބަދަލުކުރެވުނެވެ. މި ބަދަލާ ގުޅިގެން ބޮޑު ޗުއްޓީ ޖޫން/ޖުލައި މަހަށް ބަދަލުވުމުން، އެއީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރަށް ވުމުން، ދަތުރުފަތުރު ކުރުމަށް ދަތިވެ، ބެލެނިވެރިންނާއި ދަރިވަރުންނަށް ޗުއްޓީ ހޭދަކުރުމަށް ދަތިތަކާ ކުރިމަތިވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ފުރަތަމަ 100 ދުވަހުގެ ވައުދެއްގެ ގޮތުގައި ބޮޑު ޗުއްޓީ އަލުން ޑިސެމްބަރު މަހަށް ބަދަލުކުރުން ހިމެނެ އެވެ. މިއީ އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ގިނަ ބަޔަކު އެދުނު އެއް ކަމެވެ.
މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ގޮތުގައި މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27 އަށެވެ. އަދި އަންނަ އަހަރުގެ ބޮޑު ޗުއްޓީ އެއްކޮށް ޑިސެމްބަރުގައި ލިބޭނެ ކަމަށް މިނިސްޓްރީން ކުރިން ވަނީ އިޢުލާނުކޮށްފަ އެވެ.



