މިއަހަރުގެ ޖެނުއަރީ މަހުގެ ގައިންގަޔަށް އަރާ އާންމު ބަލިތައް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު ބޭރަށް ހިންގުން ފިޔަވާ އެހެން އާންމު ރޯގާތައް ރިޕޯޓުކުރެވުނު އަދަދު މަދުވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭގެ ރިޕޯޓުން ދައްކާގޮތުގައި ޑެންގީ ހުމުގެ މައްސަލަތައް އިތުރުވެފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ރ. އަތޮޅު، ބ. އަތޮޅު، ކ. އަތޮޅު، އދ. އަތޮޅު، މ. އަތޮޅު އަދި ދ. އަތޮޅުގައެވެ. އަދި ބޭރަށް ހިންގުމުގެ މައްސަލަތައް އިތުރުވެފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ކ. އަތޮޅު އަދި އދ. އަތޮޅުގައެވެ.
ވައިރަލް ހުމުގެ މައްސަލަތައް މައިގަނޑު ގޮތެއްގައި ރިޕޯޓުކުރެވިފައިވަނީ މާލެ ސަރަހައްދާއި ކ. އަތޮޅުންނެވެ. އަދި އަރިދަފުސް ރޯގާގެ މައްސަލަތައް ރާއްޖޭގެ ގިނަ ސަރަހައްދުތަކަކުން ވަނީ ރިޕޯޓުކުރެވިފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޖެނުއަރީމަހު އެންމެ ބޮޑަށް ފެތުރިފައިވަނީ ބޭރަށް ހިންގުމެވެ.
އެޗްޕީއޭއިން މީގެކުރިންވެސް ވަނީ ބޭރަށް ހިންގާނަމަ ކާބޯތަކެތި ރަނގަޅު ގޮތުގައި ބޭނުންކުރުމަށް ސަމާލުކަން ދިނުމަށާއި، ތިން ދުވަސް ވަންދެން 24 ގަޑައިރު ތެރޭގައި ތިން ފަހަރަށް ވުރެ ގިނައިން ބޮޑުކަމުދެވުން ނުވަތަ ބޭރަށް ހިންގުމުގެ އަލާމަތްތައް އިތުރަށް ގޯސް ވާނަމަ ޑޮކްޓަރަށް ދެއްކުމަށް އަދި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ އިން ރާއްކާތެރިވުމަށް ކާބޯތަކެއްޗަށް ދިރޭ ސޫޕާސޫތްޕަށް ނޭރެވޭނެހެން މަތިޖަހާފައި ބެހެއްޓުމާއި، ކެއުމުގައި ވީހާ ވެސް ތާޒާ ކާނާ ބޭނުންކުރުމާއި، އަދި ކާބޯތަކެތި ހަލާކު ނުވާނޭގެން ރައްކާކުރުން މުހިންމު ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އަދި ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމަށާއި، ރޯ ތަރުކާރީއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުން ކުރުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކޮށްފައެވެ.
އަދި ކުޑަކުދިންގެ ނެޕީ ބަދަލުކުރުމަށްފަހުގަ އާއި ފާޚަނާ ކުރުމަށްފަހު އަދި ކާބޯތަކެތީ ތައްޔާރު ކުރުމާއި، ކެއުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮންނަންޖެހޭ ކަމަށް ވެސް އެޗްޕީއޭ އިން އެދެއެވެ.



