ހުޅުމާލޭ ލަކުޑި ޖެޓީ ސަރަހައްދުން ގިނަ އަދަދެއްގެ ބަނގުރާ ދަޅާއި ފުޅި ހޯދައި، އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަހުގެ 18 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ލަކުޑި ޖެޓީ ސަރަހައްދުން ފެނުނު ފޮށިގަނޑަކާއި ދަބަހަކުން 14 ފުޅި ބަނގުރާ އަދި 72 ދަޅު ބަނގުރާ ފެނިފައިވެއެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ބަނގުރާ ކޭސްތަކެއް ހިފައިގެން ހުޅުމާލެ ލަކުޑި ޖެޓީކައިރީގައި މީހަކު އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.
ފާއިތުވި އަހަރުތަކުގައިވެސް ހުޅުމާލެއިން މިފަދަ ގިނަ މައްސަލަތަކެއް ފުލުހުންނަށް ވަނީ ފާހަގަކުރެވިފައެވެ. އަދި ރާއްޖޭގައި މަސްތުވާތަކެއްޗާއި އެހެނިހެން މަނާތަކެތި އެތެރެކުރުމާ ދެކޮޅަށް ފުލުހުން ދަނީ ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.



