ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށްވެސް އާސަންދައިގެ އައުޓްޕޭޝަންޓް ޚިދުމަތް ލިބޭނެ މަގު އާސަންދަ ކުންފުނިން ފަހިކޮށްދީފިއެވެ. ނަމަވެސް މި ޚިދުމަތް ލިބޭއިރު، ފުރަތަމަ ފައިސާ އުނިކުރެވޭނީ އެފަރާތްތަކުގެ ޕްރައިވެޓް އިންޝުއަރެންސްއިން ކަމަށް އާސަންދައިން މައުލޫމާތު ދީފައިވެއެވެ.
އާސަންދަ ކުންފުނިން ހާމަކުރި ގޮތުގައި، މިއަދު ބުދަ ދުވަހުން ފެށިގެން ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށް ޑޮކްޓަރަށް ދެއްކުމުގެ ކޮންސަލްޓޭޝަން ފީ ދެއްކުމުގައި މި އައު އުސޫލަށް އަމަލުކުރަން ފަށައިފިއެވެ. މީގެ އިތުރުން، އެހެނިހެން އައުޓްޕޭޝަންޓް ޚިދުމަތްތަކަށް މި އުސޫލު ތަންފީޒުކުރަން ފަށާނީ އަންނަ މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ.
އާސަންދަ އިސްލާހުކުރުމުގެ މަސައްކަތުގެ ތެރެއިން، ކުރިން ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށް އައުޓްޕޭޝަންޓް ޚިދުމަތްތައް ހޯދުމަށް އާސަންދަ ބޭނުންކުރުން ވަނީ ހުއްޓުވާފައެވެ. އަދި މި ޚިދުމަތް ލިބޭގޮތް ހަމަޖެހިފައިވަނީ ހަމައެކަނި އެފަރާތްތަކުގެ ޕްރައިވެޓް އިންޝުއަރެންސްގެ ޕެކޭޖް ހަމަވުމުންނެވެ. ނަމަވެސް މިކަމާ ގުޅިގެން އާންމުންގެ ފަރާތުން ފާޅުކުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، އާސަންދައިން ވަނީ މި ނިންމުން އަލުން މުރާޖަޢާކޮށްފައެވެ.
އިސްރާފު ކުޑަކުރުމުގެ މަސައްކަތެއް
ދައުލަތުގެ ސިއްހީ ދާއިރާގެ އެންމެ ބޮޑު އެއް ހޭދައަކީ އާސަންދައެވެ. ސަރުކާރުން އަހަރަކު ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ސަބްސިޑީގެ ގޮތުގައި އާސަންދައަށް ޚަރަދުކުރެއެވެ. އެހެންކަމުން، އާސަންދައިގެ ނިޒާމުގައި ހުރި އިސްރާފުތައް ކުޑަކުރުމަށްޓަކައި އެކި ބަދަލުތައް ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރިއަށް ގެންދަމުންނެވެ.
ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، މިހާރު އާންމުކޮށް އެންމެންނަށް ދެމުންގެންދާ ސަބްސިޑީ އުވާލައި، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ސީދާ ސަބްސިޑީ ފޯރުކޮށްދޭ ނިޒާމަކަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.



