ކުރިއަށް އޮތް ބަރަކާތްތެރި ފިޠުރު ޢީދަށް ރާއްޖޭގެ 65 ރަށެއް ދިއްލައިލުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ކުރިއަށްދަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ބެލުމުގެ ދަށުން، ސަރުކާރުގެ ކުންފުނިތަކާއި ކައުންސިލްތަކުގެ އެހީތެރިކަމާ އެކުގައެވެ.
މި މަސައްކަތާ ގުޅޭގޮތުން މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެފައިވަނީ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ރޭ ޢީދު ލައިޓްތައް ދިއްލައިލެވޭނެ ކަމަށެވެ. އަދި މި އަހަރު މާލޭގައި ޚާއްޞަ ޙަރަކާތްތަކެއް ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށްވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ރަށްތައް ޢީދަށް ދިއްލައިލުމުގެ މަޝްރޫޢަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު އިސްނަންގަވައިގެން ފެއްޓެވި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން މިދިޔަ އަހަރު ދިއްލި ރަށްތަކުގެ އިތުރުން މި އަހަރު އަލަށް 36 ރަށެއް ދިއްލައިލުމަށް ވަނީ ހަމަޖެހިފައެވެ.
ދިއްލުމުގެ މަޝްރޫޢުގެ އިސްވެރިޔާގެ ގޮތުން މަސައްކަތް ކުރައްވާ ސްޓޭޓް މިނިސްޓަރ އަޙްމަދު ރަޝީދު ވިދާޅުވީ އަލަށް ދިއްލާ ރަށްތަކަށް ބޭނުންވާ ލައިޓްތަކާއި ސްޕީކަރުތައް މި މަހުގެ 24 ވަނަ ދުވަހު ފޮނުވޭނެ ކަމަށެވެ. މާލޭގައި ޢީދު ލައިޓްތައް ޖެހުމުގެ މަސައްކަތުގައި ސްޓެލްކޯ، އެޗްޑީސީ އަދި މާލޭ ސިޓީ ކައުންސިލާއެކު އެހެނިހެން ސަރުކާރު ކުންފުނިތައްވެސް ބައިވެރިވެއެވެ.
މި އަހަރުގެ “ޢީދު އަލި” ދިއްލުމުގެ މައި ޙަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވަނީ އިޢުލާނުކުރައްވާފައިވެއެެވެ.




ރާއްޖޭގެ އެއްވެސްރަށެއް ކުލަބޮކިތަކުން ދިއްލުމަށްވުރެން ޣައްޒާގެ ނިކަމެތިންނަށް ބޯފެނާއި ކާނެއެއްޗެއް ފޯރުކޮށްދެވޭނެ ގޮތެއްއޮތްތޯބަލަމާ.. ، މިކަމުގައި ދުނިޔޭގެމުސްލިމު ޤައުމުތަކުން ވެރިންދެނީ ބީރުކަންފަތެއް…
ޔާﷲ … އެބައިމީހުންނަށް ބޯފެނާއި، ކާބޯތަކެތި ލިބޭނެގޮތެއް މިންވަރުކުރައްވާށި!
އާމީން..