ބަންގްލަދޭޝްގެ 7 މެޑިކަލް ކޮލެޖެއްގައި އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް ލިބޭނެކަމަށް ޞިއްޙީ ވުޒާރާއިން އިއުލާނުކޮށްފިއެވެ.
ކުރިން އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު ލިބެމުން އައީ އެންމެ ދެ ކޮލެޖަކުން ކަމަށްވާއިރު، އިތުރު ފަސް ކޮލެޖެއްގައި އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު ހުޅުވާލާފައި މިވަނީ ބަންގްލަދޭޝްގައި ކިޔަވާ ދިވެހި ދަރިވަރުންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
މިހާރު އިންޓާންޝިޕް ފުރިހަމަކުރެވޭނެ ކޮލެޖުތަކުގެ ތެރޭގައި ހިމެނެނީ ޗިޓަގޮންގް މެޑިކަލް ކޮލެޖާއި، ޝޭރް-އޭ-ބަންގްލާ މެޑިކަލް ކޮލެޖާއި، ސެލެޓް މެގް އުސްމާނީ މެޑިކަލް ކޮލެޖާއި، މައިމަސިންގ މެޑިކަލް ކޮލެޖާއި، ރާޖްޝާނީ މެޑިކަލް ކޮލެޖާއި، ޝަހީދު ޒިޔައު ރަޙްމާން މެޑިކަލް ކޮލެޖާއި އަދި ކޮކްސް ބާޒާރު މެޑިކަލް ކޮލެޖެވެ.
ޞިއްޙީ ވުޒާރާއިން ދެއްވި މައުލޫމާތުގައި، މި ހުރިހާ ކޮލެޖަކީވެސް ދިވެހިރާއްޖެއާއި ބަންގްލަދޭޝްގެ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ޤަބޫލުކުރާ ތަންތަން ކަމަށް ވިދާޅުވިއެވެ. އަދި އިންޓަރޝިޕް ފުރުޞަތަށް އެދޭ ދަރިވަރުންނަށް ވުޒާރާގެ އީމެއިލް މެދުވެރިކޮށް އެޕްލައި ކުރެވޭނެ ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއްވިއެވެ.
މީގެއިތުރުން، ޞިއްޙީ ދާއިރާގެ ދަރިވަރުންނަށް ރާއްޖޭގައި ތިބެގެން އިންޓާންޝިޕް ފުރިހަމަކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.



