މާލޭގެ މައި މަގުތަކުގެ ތެރެއިން އެންމެ މުހިންމު އެއް މަގު ކަމަށްވާ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާވެށި ކުރިއެރުވުމާ ބެހޭ ވުޒާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. މުއްޠަލިބް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަހުމަދު ސައުދީ އެވެ.
މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް އޮތް 830 މީޓަރުގެ މަގު އަލުން ތާރުއަޅައި، މަގު ފުޅާކުރުމަށް ކީވޯލް ބޭރަށް ޖައްސައި، އެ ސަރަހައްދު އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ތެރެއިން އެ ސަރަހައްދުގައި ޒަމާނީ ފެންވަރުގެ ފެން ހިންދާ ނިޒާމެއް ޤާއިމުކުރެވި، އައު ދުވާރުތަކެއް ހެދި، ޓްރެފިކް ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ރޯޑް މާކިންގތަކާއި ސައިން ބޯޑުތައް ވެސް ހަރުކުރެވޭނެއެވެ.
މި މަޝްރޫއު ނިމުމުން މާލޭގެ އެންމެ ބޮޑު އެއް މަގު ކަމަށްވާ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ލިބި، އާންމު ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ..



