މައްކާ ރޫޓް އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުމަށް އެދި އިސްލާމިކް މިނިސްޓްރީން ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީއަށް ހުށަހަޅައިފިއެވެ. މިކަން މިއަދު ހާމަކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމުން ދިވެހި ހައްޖުވެރިންނަށް ލިބިގެންދާނެ އެންމެ ބޮޑު ފަސޭހައަކީ ޖިއްދާ އެއަރޕޯޓުގައި މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވުމެވެ. މި އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިން އަމިއްލަ ގައުމުން ފުރާއިރު ސައުދީ އެއަރޕޯޓުގައި ކުރަންޖެހޭ އެންމެހައި ކަންކަން ނިންމާފައި ފުރޭނެއެވެ.
“އަޅުގަނޑުމެން އުންމީދު ކުރަނީ މި ފުރުސަތު ރާއްޖެއަށް ލިބިގެން ދިއުމަށް. އަދި އެކަމަށްޓަކައި މަސައްކަތްތަކެއް ކުރަމުން މި ގެންދަނީ،” މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މިހާތަނަށް މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނިފައިވަނީ ހަތް ގައުމެވެ. ސަރުކާރުން ދަނީ ދިވެހީންގެ ހައްޖުގެ ކަންކަން ހަރުދަނާ ކުރުމާއި، ހެޔޮ އަގެއްގައި ހައްޖަށް ދެވޭނެ ގޮތް ހެދުމާއި، ހައްޖު ކޯޓާ އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
މިނިސްޓަރު ޝަހީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ހައްޖުވެރިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ ސަރުކާރުގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.



