ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓް ސަރަހައްދުގައި އިމާރާތްކުރަމުންދާ 54 ކްލާސްރޫމްގެ އައު ސްކޫލް މި އަހަރުގެ ނޮވެމްބަރު މަހަށް ނިންމާލެވޭނެކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ސްކޫލް ނިމުމުން ހުޅުމާލެ ފޭސް 2 ގައި މިހާރު ދިމާވެފައިވާ ތަޢުލީމީ ދާއިރާގެ އެންމެ ބޮޑު ގޮންޖެހުމަށް ފުދޭވަރެއްގެ ހައްލެއް ލިބިގެންދާނެއެވެ.
މީގެއިތުރުން، ހުޅުމާލޭގައި އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ތެރޭގައި ފެށިގެންދާނެ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ. އޭގެ ތެރެއިން އެއް ސްކޫލް އިމާރާތްކުރެވޭނީ ހުޅުމާލެ ފޭސް 2 ގައި ކަމަށާއި، އަނެއް ސްކޫލް އިމާރާތްކުރެވޭނީ ފޭސް 1 ގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
“ފޭސް 1 އަށް ބަލާއިރު ސިފްކޯ، ޕޮލްކޯ އަދި އެޕޯލޯ ޓަވަރުތައް ކައިރީގައި ސްކޫލެއް ނެތުމުގެ ދަތިކަން މިހާރު ވަރަށް ބޮޑު” ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ހުޅުމާލޭގެ ތަޢުލީމީ ދާއިރާގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަކީ ސަރުކާރުން އެންމެ އިސްކަމެއް ދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ފްލެޓް އިމާރާތްކުރާއިރު އާންމު ޚިދުމަތްތައް ފޯރުކޮށްދެވޭނެ ވަސީލަތްތައް ޤާއިމްކުރުމުގެ މުހިންމުކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.



