ހައްޖު ކިޔު ފަޅާލައިގެން ސިޔާސީ ފަރާތްތަކަށް ޖާގަ ދޭކަމަށް ކުރެވޭ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫންކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ތިން އަހަރު ވަންދެން ހައްޖަށް މީހުން ނުފޮނުވުމުގެ ސަބަބުން މިހާރު ކިޔުގައި ތިބި މީހުންގެ އަދަދު ވަނީ 3،000 އަށްވުރެ އިތުރުވެފައެވެ.
މިނިސްޓަރު އިތުރަށް ހާމަކުރެއްވި ގޮތުގައި، މިއަހަރު ރިޒާވް ކޯޓާ ވަނީ ވަރަށް ބޮޑުތަން މަދުކޮށްފައެވެ. އަދި ކިޔުގައި ތިބި ހުރިހާ ފަރާތްތަކަށް ހައްޖަށް ދިއުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި، ހައްޖު ކޯޕަރޭޝަނަށް މުޅި ކޯޓާ ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
“ރައީސް އޮފީހުން އެއްވެސް ލިސްޓެއް ނުދޭ. އަދި ސިޔާސީ ފަރާތްތަކާ ގުޅުން ހުރި މީހުންނަށް ކިޔު ފަޅާލައިގެން ޖާގަ ދޭ ކަމަށް ދެކެވޭ ވާހަކަތަކަކީވެސް އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން،” މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން، މިދިޔަ އަހަރާ ހަމައަށް ބޮޑެތި ބަލިތަކުގެ މީހުންނަށާއި، 75 އަހަރުން މަތީގެ މީހުންނަށް އަދި އެފަދަ މީހުންގެ އެހީތެރިންނަށް ވަކި އިންސައްތައެއް ރިޒާވްކުރެވިފައި އޮންނަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ހައްޖު ކޯޕަރޭޝަނަކީ ވަރަށް ހިދުމަތްތެރި މުއައްސަސާއެއްކަން ފާހަގަކުރައްވަމުން، އެ މުއައްސަސާގެ އަގު ވެއްޓޭފަދަ ގޮތަކަށް ވާހަކަދެއްކުމުގެ ބަދަލުގައި، ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅު އުސްލޫބެއްގައި ފާހަގަކުރުމުގެ މުހިންމުކަން މިނިސްޓަރު ޝަހީމް ވަނީ އިސްކުރައްވާފައެވެ.



