މިދުވަސްވަރު ރާޢްޖޭގައި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރުވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، 2024 ވަނަ އަހަރުގެ އޭޕްރީލް 6 އިން މެއި 17 އާ ހަމައަށް އަރިދަފުސް ރޯގާގެ 43,882 ކޭސް ރިޕޯޓްކުރެވިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓްކުރެވުނު 36,048 ކޭސްއާ އަޅާބަލާއިރު ފާހަގަކުރެވޭ އިތުރުވުމެކެވެ.
އަރިދަފުސް ރޯގާގެ އިތުރުން އިންފްލުއެންޒާ ޖެހޭ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. މިގޮތުން މިދިޔަ އަހަރު ރިޕޯޓްކުރެވުނު 50 ކޭސްއާ އަޅާބަލާއިރު، މިއަހަރުގެ މި މުއްދަތުގައި 254 ކޭސް ވަނީ ރިޕޯޓްކުރެވިފައެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ކޮވިޑް-19 އާއި އިންފްލުއެންޒާ އެންމެ ގިނައިން ފެތުރިފައިވަނީ މާލެ ސަރަހައްދުގައެވެ. އަދި މި ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
އެހެންނަމަވެސް، މި މުއްދަތުގައި ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ދަށްވެފައިކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.



