މެދުއިރުމަތީގައި މިވަގުތު ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ އަސަރުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ފުންކޮށް ދިރާސާކުރަމުންދާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އެކްސް ޕްލެޓްފޯމްގައި ވަޒީރު ޙިއްސާކުރެއްވި ޕޯސްޓެއްގައި ބަޔާންކުރެއްވި ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުތަކަށް އަންނަމުންދާ ބަދަލުތަކާއި، ކާބޯތަކެތީގެ ސަޕްލައި ޗެއިން ދެމެހެއްޓުމާއި، ޤައުމުގެ މާލީ ނިޒާމަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާމެދު ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެމުންދެއެވެ.
މީގެ އިތުރުން، ބާޒާރުގެ އަގުތަކަށް އަންނަ ބަދަލުތަކާއި، އިންފްލޭޝަންގެ ނިސްބަތާއި، ވިޔަފާރިތަކަށް ދިމާވެދާނެ ހުރަސްތައް ވަރަށް ގާތުން މޮނިޓަރކުރަމުންދާ ކަމަށާއި، މިކަންކަން ބެލެހެއްޓުމަށް ކަމާގުޅޭ އިދާރާތަކާއެކު ވިލަރެސްކޮށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރައްވާފައިވެއެވެ.
ދިވެހި ރައްޔިތުންގެ މަންފާ ހިމާޔަތްކުރުމަށާއި، މިފަދަ ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ވަޒީރު ފާހަގަކުރައްވާފައިވެއެވެ. އަދި މި ހާލަތުގެ ސަބަބުން އިޤްތިޞާދަށް ކުރާނެ ނޭދެވޭ އަސަރުތައް މަދުކުރުމަށް އެކި ފިޔަވަޅުތައް އަޅަމުންދާކަންވެސް ވަނީ ހާމަކުރައްވާފައެވެ.



