މެދުއިރުމަތީގެ ސަރަހައްދުގައި ވައިގެ ދަތުރުތަކަށް ކުރިމަތިވި ވަގުތީ ހުއްޓުމަކާ ގުޅިގެން، ހާއްސަކޮށް ހުޅަނގުގެ ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ދަތުރުތަކަށް އަންނަމުންދާ ބަދަލުތައް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ތެރެއިން އީރާނުން ރޭ ވަނީ ގަތަރުގައި ހުރި އެމެރިކާގެ ބައެއް މިލިޓަރީ ބޭސްތަކަށް ހަމަލާދީފައެވެ. އަދި މިކަމާއި ގުޅިގެން މެދުއިރުމަތީގެ ގިނަ ޤައުމުތަކެއްގެ ވައިގެ ސަރަހައްދުވަނީ ބަންދުކޮށްފައެވެ. މިނިސްޓަރ އަމީން މިކަމާ ގުޅޭ ގޮތުން ދެއްވި މައުލޫމާތުގައި، މެދުއިރުމަތީގެ ސަރަހައްދުގެ ބައެއް ހިސާބުތަކުގައި ރޭ ވަގުތީ ގޮތުން ވައިގެ ދަތުރުތައް މެދުކަނޑާލާފައި ވީނަމަވެސް، މިހާރު އެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ފާހަގަކުރެއްވިއެވެ.
އިތުރަށް ވިދާޅުވި ގޮތުގައި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި މެދުއިރުމަތީގެ ބައެއް އެއަރލައިންތަކުގެ ދަތުރުތަކަށް ލަސްތަކެއް ކުރިމަތިވެފައިވީ ނަމަވެސް، މިހާރު ވަނީ އެ ދަތުރުތައް އަލުން ފެށިފައެވެ.
“އިރާދަކުރެއްވިއްޔާ، ވައިގެ ދަތުރުފަތުރުގެ ނިޒާމު އަވަހަށް އާންމު ހާލަތަށް ރުޖޫއަވެ، ރާއްޖޭގެ ފަތުރުވެރިކަމަށް މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ދަތިތައް ކުޑަވާނެ ކަމަށް އުއްމީދު ކުރަން،” މިނިސްޓަރ އަމީން ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މި މައްސަލައާ ގުޅިގެން ކަމާބެހޭ އެންމެހާ ފަރާތްތަކާއެކު ގާތުން މަސައްކަތް ކުރަމުންދާ ކަމަށާއި، އަދި ހާލަތަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އާންމުންނަށް މައުލޫމާތު ދެމުން ގެންދާނެ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.



