ޣައްޒާގައި އިސްރާއީލު ސިފައިން ދެމުންގެންދާ ހަމަލާތަކުގައި މިއަދުވެސް މަދުވެގެން 110 ފަލަސްތީނުން ޝަހީދުޚޮށްލައިފިއެވެ. މީގެ ތެރޭގައި ރަފާހުގައި ހުންނަ އެމެރިކާގެ އެހީގައި ހިންގާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން ކާބޯތަކެތި ހޯދުމަށް ކިއޫގައި ތިބި 34 މީހުން ހިމެނެއެވެ.
މި ލާއިންސާނީ އަނިޔާތައް ހިނގާފައިވަނީ ޤަތަރުގައި ކުރިއަށްދާ ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތައް ނާކާމިޔާބުވަމުންދާ ދަނޑިވަޅެއްގައެވެ. އަދި ޣައްޒާގެ މުޅި އާބާދީ ބަދަލުކުރުމަށް އިސްރާއީލުން ރާވާފައިވާ ޕްލޭނަށް ފާޑުކިޔުންތައް އިތުރުވަމުންދާ ވަގުތެއްގައެވެ.
“އެމީހުން އަޅުގަނޑުމެންނަށް މަކަރު ހަދަނީ. ކާބޯތަކެތި ލިބޭނެ ކަމަށްފޮނުވަނީ. ދެން ކޮތަޅު ނަގާއިރަށް ބަޑިޖަހަން ފަށާ. ހަމަ ދޫނި ޝިކާރަ ކުރާ ފަދައިން،” މި ހަމަލާއިން ސަލާމަތްވި މުހައްމަދު ބަރްބަޚް ބުނެފައިވެއެވެ.
ޖީއެޗްއެފް ސައިޓްތަކުގައި މޭ މަހުން ފެށިގެން މިހާތަނަށް 800 އަށްވުރެ ގިނަ ފަލަސްތީނުން ޝަހީދުވެ، 5،000 އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ޑޮކްޓަރުން ބުނެއެވެ. “ގިނަ މީހުންނަށް ވަނީ ބޮލާއި ފައިތަކަށް ވަޒަން ޖެހިފައި،” އަލް-އަޤްސާ ހޮސްޕިޓަލްގެ ޚަލީލް އަލް-ދެގްރާން ވިދާޅުވިއެވެ.
މީގެ އިތުރުން އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާ ސިޓީގައި 14 ފަލަސްތީނުން ޝަހީދުވެފައިވެއެވެ. އޭގެ ތެރެއިން 4 މީހުން ޝަހީދުވީ ތުއްފާހު ސަރަހައްދުގެ ޖާފާ މަގުގައި ހުރި ގެއަކަށް އެޅި ބޮމަކުންނެވެ. އަދި ޖަބާލިޔާގެ ދެ ރިހާއިޝީ އިމާރާތަކަށް އެޅި ބޮމުން 15 މީހުން ޝަހީދުވެފައިވެއެވެ. ޝާޓީ ރެފިއުޖީ ކޭމްޕަށް އެޅި ބޮމުން 7 މީހުން ޝަހީދުވެފައިވާއިރު، އުތުރު ޣައްޒާގެ ބައިތުލް ހަނޫންވެސް ވަނީ ހަމަލާތަކުގެ އަމާޒަކަށްވެފައެވެ.



