ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ފަސިންޖަރ ޓަރމިނަލްގެ އެންމެ މުހިންމު ދެ މަސައްކަތް އޮތީ ބަޔަކާއި ހަވާލުނުކޮށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސިލްސިލާކޮށް ކުރިއަށްގެންދާ ރައްޔިތުންގެ އަޑު ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވީއައިއޭގެ އައު ފަސިންޖަރ ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާއި ގުޅުވައިގެންނެވެ.
އައު ފަސިންޖަރ ޓާމިނަލް ހުޅުވުމަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި، ޓްރާންސިޝަން މަރުހަލާގައި އެންމެ ފުރަތަމަ ވަޑައިގެން ބައްލަވާލެއްވީ އެއަރޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތް ކުރިއަށްދާގޮތްކަން ފާހަގަކުރައްވާފައެވެ.
އެމަނިކުފާނަށް ލިބިވަޑައިގެން ހުންނެވި ޢިލްމުގެ ބެކްގްރައުންޑުން އެތަން ބެއްލެވިއިރު އެތަނުގެ މަސައްކަތް ގޮސްފައިވާ ހިސާބު ވަރަށް ބޮޑަށް ސާފުވެވަޑައިގެންނެވިކަމަށާއި، އޭރު އިމާރާތުގެ އޮނިގަނޑު ނިމިފައި ހުރިނަމަވެސް މުހިންމު މަސައްކަތްތައް ނުނިމި އަދި ބައެއް މުހިންމު މަސައްކަތް ނުފަށާ އޮތްކަމަށް ރައީސް ވިދާޅުވިއެވެ. މި ދާއިރާ އެނގޭ ކޮންމެ މީހަކަށްވެސް އިމާރާތެއްގެ މަސައްކަތް ނިމޭނީ ކިހާވަރަކަށް ނިމުމުންކަން އެނގޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޓަރމިނަލްގެ އެތެރޭގެ ގިނަ ކަންތައްތައް ހުރީ ނުނިމިކަމަށެވެ. ހަމައެކަނި ޓާމިނަލްގެ އިމާރާތުން ނިމުނީ ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޓާމިނަލް އޮޕަރޭޝަނަށް ގެންނަނަމަ ކުރަންޖެހޭ އެތައް ކަމެއް ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ. އޭގެތެރެއިން އެންމެ މުހިންމު ކަމަކީ ޓާމިނަލްއަށްދާން އޮންނަ މަގު ކަމަށެވެ. އެއިރު މަގު ހެދުމަށް ބަޔަކާއި ހަވާލުކޮށްފައިވެސް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޓަރމިނަލް އެހާ ފެންވަރު ރަނގަޅަށް އެހާ ގިނަ ބަޔަކަށް ޚިދުމަތްދޭ ގޮތައް ތަރައްޤީކުރާއިރު ޓަރމިނަލްގައި ކޮންމެހެންވެސް ޑިއުޓީ ފްރީއެއް ހުންނަންޖެހޭކަމަށެވެ. އެ މަސައްކަތްވެސް މި ސަރުކާރު އައިއިރު އެއްވެސް ބަޔަކާއި ހަވާލުކޮށްފައި ނެތްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



