މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން މިހާތަނަށް 93 ސްކޮލަރޝިޕް ސްކީމެއް އިޢުލާންކޮށްފައިވާކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މީގެތެރެއިން 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 10 އާ ހަމައަށް 36 ސްކޮލަރޝިޕް ސްކީމެއް ވަނީ އިޢުލާންކޮށްފައެވެ.
މި ސްކޮލަރޝިޕް ސްކީމްތަކުގެ ދަށުން މިހާތަނަށް 305 ދަރިވަރުން މަތީ ތަޢުލީމު ހާސިލުކޮށްފައިވާއިރު، އޭގެ ތެރެއިން 131 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް 107 ދަރިވަރުން ވަނީ އެކި ސްކޮލަރޝިޕް ސްކީމްތަކުގެ ދަށުން ކިޔެވުން ފަށާފައެވެ. މީގެ ތެރޭގައި ހިމެނެނީ 72 އަންހެން ދަރިވަރުންނާއި 35 ފިރިހެން ދަރިވަރުންނެވެ.
މި ވަގުތު ސްކޮލަރޝިޕް ސްކީމްތަކުގެ ދަށުން ޖުމްލަ 735 ދަރިވަރުން ދަނީ ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރަމުންނެވެ. މި ދަރިވަރުންގެ ތެރޭގައި 479 އަންހެން ދަރިވަރުންނާއި 256 ފިރިހެން ދަރިވަރުން ހިމެނޭކަން ތަފާސް ހިސާބުތަކުން ދައްކައެވެ.
ދިވެހިރާއްޖެ ހިމެނޭހެން 27 ޤައުމެއްގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 83،389،345.01 (އަށްޑިހަ ތިން މިލިއަން ތިން ލައްކަ އަށްޑިހަ ނުވަ ހާސް ތިން ސަތޭކަ ސާޅިސް ފަސް ރުފިޔާ، އެއް ލާރި) ވަނީ ދޫކޮށްފައެވެ.



