އިއްޔެއިން ފެށިގެން ސްރީލަންކާގެ ރައްޔިތުންނަށް ރާއްޖެ އައުމުން ތިން މަސްދުވަހުގެ އޮން އެރައިވަލް ވިސާ ދޫކުރަން ފަށައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހުގައި ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދީފައިވެއެވެ.
އިމިގްރޭޝަނުން އިތުރަށް ހާމަކުރި ގޮތުގައި، މި އަހަރުން ފެށިގެން ސްރީލަންކާއިން ވެސް ދިވެހި ރައްޔިތުންނަށް ތިން މަސްދުވަހުގެ އޮން އެރައިވަލް ވިސާ ދެމުންދެއެވެ. މި ނިންމުންތަކުން ދައްކުވައިދެނީ ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ވަރުގަދަކަން ކަމަށް އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ލަންކާއަށް ބޭސްފަރުވާއަށް ދާ ދިވެހީންނަށާއި އެ ގައުމުގައި ކިޔެވުމަށް އަދި ވަޒީފާ އަދާކުރުމަށް އުޅޭ ދިވެހީންގެ އަނބިން ނުވަތަ ފިރިންނަށް އެއް އަހަރު ދުވަހުގެ ވިސާ ދިނުމަށް ދާދި ފަހުން ވަނީ ނިންމައިފައެވެ.
މިހާރު ވިސާގެ ކަންކަން ދިވެހީންނަށް ހަމަޖެހިފައި އޮންނަ ގޮތުން، އެ ގައުމަށް ދިއުމާ އެކު 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދިވެހީންނަށް ލިބެއެވެ. އަދި އެއަށްވުރެ ދިގު މުއްދަތަކަށް އެ ގައުމުގައި މަޑުކުރަން ޖެހޭނަމަ އޮންލައިންކޮށް ވިސާ އިތުރުކޮށްދިނުމަށް އެދެވޭނެއެވެ.



