ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ، ބޭރު ގައުމުތަކުގައި ދިރިއުޅޭ 12 އެކްޓިވިސްޓުންގެ ޕާސްޕޯޓުތައް ހޮންކޮންގު ސަރުކާރުން ބާތިލުކޮށްފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ ވޭތުވެދިޔަ މަހު ލޯކަލް ކޯޓަކުން މި 12 އެކްޓިވިސްޓުންނާއި އިތުރު 7 ޑިމޮކްރަސީ ހިމާޔަތްކުރާ އެކްޓިވިސްޓުން ހައްޔަރުކުރުމުގެ ވޮރަންޓު ނެރުމަށްފަހުގައެވެ.
ހޮންކޮންގުގެ ސެކިއުރިޓީ ބިއުރޯއިން ބުނެފައިވާ ގޮތުގައި، މި 16 “ފިލާފައިވާ” ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެފަރާތްތަކަށް ގޯތިގެދޮރު ކުއްޔަށް ދިނުމާއި، އެފަރާތްތަކާއެކު ވިޔަފާރީގެ ގުޅުން ބޭއްވުން ވެސް ވަނީ މަނާކޮށްފައެވެ. މީގެ ތެރޭގައި އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ ސިޑްނީގެ ޕްރޮފެސަރ ޗޮންގްޔީ ފެންގް އާއި، ކުރީގެ ވޮއިސް އޮފް އެމެރިކާގެ ނޫސްވެރިޔާ ސަޝާ ގޮންގް ހިމެނެއެވެ.
ހޮންކޮންގު ސަރުކާރުގެ ތަރުޖަމާނެއް ވިދާޅުވި ގޮތުގައި، މި އެކްޓިވިސްޓުން ވަނީ އެމެރިކާ، ޔޫކޭ، ކެނެޑާ އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި ތިބެގެން “ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ހަރަކާތްތައް ހިންގުން” ކުރިއަށް ގެންގޮސްފައެވެ. މި ފިޔަވަޅުތަކަކީ ބެއިޖިންގުގެ ނުފޫޒު ގައުމުގެ ސަރަހައްދުން ބޭރަށް ފުޅާކުރުމަށް އަޅާ ފިޔަވަޅުތަކެއް ކަމަށް “ހޮންކޮންގު ޕާލިމަންޓު” އިން ވަނީ ކުށްވެރިކޮށްފައެވެ.
2020 ވަނަ އަހަރު ހޮންކޮންގުގައި ގައުމީ ސަލާމަތީ ގާނޫނު ތަންފީޒުކުރުމަށްފަހު، މިހާތަނަށް 332 މީހުން ވަނީ ހައްޔަރުކޮށްފައިވާ ކަމަށް ހޮންކޮންގުގެ ޗީފް އެގްޒެކެޓިވް ޖޮން ލީ ވިދާޅުވިއެވެ. އަދި 2024 ގައި އިތުރު ގައުމީ ސަލާމަތީ ގާނޫނުތަކެއް ވަނީ ތައާރަފުކޮށްފައެވެ. މި ގާނޫނުތަކަކީ 2019 ގެ މުޒާހަރާތަކަށްފަހު ސިޓީގެ ހަމަޖެހުން ގާއިމުކުރުމަށް ކޮންމެހެން ބޭނުން ގާނޫނުތަކެއް ކަމަށް ސަރުކާރުގެ އިސްވެރިން ބުނެއެވެ.



