މުދައްރިސުން ތަމްރީނު ކުރުމުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން، އުނގެނުމުގައި ޚާއްޞައެހީ އަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމަށް، އެޑިއުކޭޝަން މިނިސްޓްރީ އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ވިލާ ކޮލެޖުންނާއި އިސްލާމިކް ޔުނިވަރސިޓީ އިން ފުރުޞަތު ހުޅުވާލައިފިއެވެ.
އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔާގެ ޑީން ޑރ. ޢާއިޝަތު ޝީނާ ވިދާޅުވި ގޮތުގައި، “ޑިޕްލޮމާ އިން ޓީޗިންގ – ސްޕެޝަލް އެޑިޔުކޭޝަން ނީޑްސް” ގެ ނަމުގައި ފެށޭ މި ކޯހަކީ މުޅިން އަލަށް ކުރިޔަށް ދާ ކޯހަކަށް ވާތީ، ކޯސް ފެށުމުގެ ކުރިން 4 ވޯކްޝޮޕެއް ދަރިވަރުންނަށް ހިންގާނެއެވެ. އަދި މި ކޯސް ފަރުމާކޮށްފައި ވަނީ ނޭޝަނަލް ކަރިކިއުލަމަށް ފެތޭގޮތަށް ކަމަށާއި، ޕްރެކްޓިކަމާ އެކު ފަށާ މި ކޯސް ރާއްޖޭގެ ފަސް ކެމްޕަހެއްގައި ކުރިޔަށް ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އެސޯސިއޭޓް ޑީން ފާޠިމަތު ސަޢީދު ވިދާޅުވި ގޮތުގައި، ސްޕެޝަލް އެޑިޔުކޭޝަން ނީޑްސް (ސެން) ޓީޗަރުން ތައްޔާރުކުރުމަކީ މުހިއްމު ކަމެއް ކަމަށާއި، މިފަދަ ކޯހެއް މިނިސްޓްރީއާ ގުޅިގެން ހިންގުމުގެ ފުރުޞަތު ލިބުމަކީ ވިލާ ކޮލެޖުން ބަލައިގަންނަ ކަމެކެވެ.
ފާޠިމަތު ސަޢީދު އިތުރަށް ވިދާޅުވި ގޮތުގައި، ވިލާ ކޮލެޖުން ހިންގާ ކޯހަކީ ޑިގްރީ ކޯހެއް ކަމަށާއި، އޭގެ ފުރަތަމަ އަހަރަކީ ޑިޕްލޮމާ އަށް ކިޔަވާ އަހަރެވެ. ޑިޕްލޮމާ ނިންމުމަށްފަހު، ޖެހިގެން އަންނަ އަހަރު ޑިގްރީ އަށް ކިޔެވުމުގެ ފުރުޞަތު ވެސް އޮންނާނެއެވެ.
މީގެއިތުރުން، ކޯސް ނިމުމުގެ ކުރިން ކޯހާ ގުޅޭގޮތުން އެހެން ޤައުމަކުން ތަމްރީނު ހޯދުމުގެ ފުރުޞަތު ވެސް ދަރިވަރުންނަށް ލިބިގެންދާނެ ކަމަށާއި، ކޯސް ފަރުމާކޮށްފައި ވަނީ ނޭޝަނަލް ކަރިކިއުލަމަށް ފެތޭގޮތަށް ޕްރެކްޓިކަމް ވެސް ހިމަނައިގެން ކަމަށް ފާޠިމަތު ސަޢީދު ވިދާޅުވިއެވެ.



