މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ހައްޖު ކޯޓާ ދޫކުރުމުގާ ވަކި މީހެއްގެ އާއިލާގެ މީހަކަށްވީތީ ބަލާފައި ނުވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް މިއަދުގެ ޖަލްސާގައި ޖަވާބު ދެއްވަމުން ވަޒީރު ޝަހީމު ވިދާޅުވީ، ހައްޖު ކޯޓާ ފޯރުކޮށްދިނުމުގައި ވަކި އާއިލާއަަކަށް ވަކި މީހަކަށް ބަލައިގެން އެކަން ނުކުރާ ކަމަށެވެ. އަދި އެއްވެސް އިރެއްގައި އުސޫލުތައްވެސް އެގޮތަށް ތަން ނުދޭ ކަމަށާއި ވަކި ބޭފުޅެއްގެ އާއިލާގެ މީހަކަށް ވީތީ އެމީހަކަށް ހައްޖު ކޯޕަރޭޝަނުން ފުރުސަތެއް ނުދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
“އަދި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިން ވެސް އެފުރުސަތެއް ނުދޭނެ. ސަރުކާރުން ހާއްސަކޮށް ހާއްސަ ހާލަތަށް ރިޒާވްކޮށްފައި އޮންނަ ކޯޓާގެ ތެރެއިންވެސް އެ ފުސަތު އެހެން ނުދޭނެ”. ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރާއްޖެއިން ހައްޖަށް މީހުން ފޮނުވުމަށް ލިބެނީ 1000 ކޯޓާ ކަމަށާއި އެ 1000 މީޙުން ބެލެހެއްޓުމަށްވެސް މީހުން ދާންޖެހޭއިރު އެހާ ގިނަ މީހުންގެ ކަންކަން އެންމެ ރަނގަޅަށް ބެލެހެއްޓޭނީ ފުދޭވަރެއްގެ ޓީމެއް އޮވެގެން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި މީގެ ތެރޭގައި ހައްޖުވެރިންނަށް ހިދުމަތް ކުރާނެ މީހުންނާއި ކައްކާ މީހުންނާއި މެޑިކަލް ޑޮކްޓަރުންނާއި ނަރުހުންނާއި މިހެންގޮސް ސައުދީ އަރަބިއްޔާގެ ހައްޖާބެހޭ އުސޫލުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކުގައި ގައުމުތަކުން ތަބާވާންޖެހޭ ގޮތަށް އޮންނަ ހުރިހާ ކަމެއް ހައްޖުވެރިންނާއެކު ދާ ޓީމުގައި ހަމަކުރަންޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެއަށް ކަނޑައެޅިފައި އޮތް ކޯޓާ 1000 މީޙުންނަށް ހިދުމަތް ކުރުމަށް އެވަރުގެ ޓީމެއް އެމީހުނާއެކު ސައުދީއަށް ދާންޖެހޭ ކަމަށާއި އެއްވެސް ހާލެއްގައި ވަކި ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ކޯޓާގެ ތެރެއިން އެހީތެރިންނަށް އެގޮތަކަށް ޖާގަދެވިފައެއް ނުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.



