ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، ޒޯން 4 (މ، ފ، ދ، ތ އަދި ލ އަތޮޅު) ގައި ދަތުރުފަތުރުގެ ނިޒާމު ގާއިމުކުރުމަށް ކުރަންޖެހޭ ދިރާސާތަކާ ގުޅޭގޮތުން ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް (ޖައިކާ) އާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއާ ދެމެދު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި އާރު.ޓީ.އެލް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ދިރާސާތަކާ ގުޅޭގޮތުން ޖައިކާގެ ފަރާތުން މުހިންމު މަޢުލޫމާތުތަކެއް ހިއްސާކޮށްފައިވެއެވެ. އެގޮތުން، ސެޕްޓެންބަރު އަދި އޮކްޓޯބަރު މަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބޭސްލައިން ސާރވޭގެ ތަފްސީލީ މަޢުލޫމާތާއި، މި ސާރވޭތައް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ ވަގުތު ތާވަލު މިނިސްޓްރީއާ ހިއްސާކޮށްފައިވެއެވެ.
މި ދިރާސާތަކަކީ ޒޯން 4 ގައި ހިމެނޭ އަތޮޅުތަކުގެ މުއައްސަސާތަކާއި ރައްޔިތުންނަށް ދަތުރުފަތުރުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ޖައިކާގެ އެހީތެރިކަމާއެކު މި މަސައްކަތްތައް ކުރިއަށް ގެންދެވުމުން، އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް އިތުރު ކުރިއެރުންތަކެއް ލިބި، ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މި މަޝްރޫޢުގެ ދަށުން ކުރެވޭ ދިރާސާތަކުގެ ނަތީޖާއަށް ބިނާކޮށް، ކުރިއަށް އޮތް ތަނުގައި އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ރޭވިގެންދާނެއެވެ.