ތައިރޮއިޑަށް ހާއްސަ “ތައިރަނޯމް 25 މައިކްރޯގްރާމް” ބޭހަކީ އާސަންދަ ސްކީމުގެ ދަށުން ފޯރުކޮށްދެވޭ ބޭހެއް ކަމަށާއި، މި ބޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވާނަމަ ނުވަތަ އާސަންދައިގެ ދަށުން ނުލިބޭނަމަ “ޝިކާވަތި” ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް އާސަންދަ ކުންފުނިން އެދިއްޖެއެވެ.
އާސަންދައިން މިފަދައިން އިލްތިމާސް ކުރީ، މި ބޭސް ލިބުމުގައި ދަތިތަކެއް ހުރި ކަމަށާއި އަގުތައް ތަފާތުވާ ކަމަށް ބުނެ، ޑރ. އަބްދުލް އަޒީޒް ހަމީދު މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކުރެއްވުމާ ގުޅިގެންނެވެ. ޑރ. އަޒީޒް ފާހަގަކުރެއްވި ގޮތުގައި، މާލޭގެ އެކި ފާމަސީތަކުން މި ބޭހުގެ އަގު 90 ރުފިޔާއިން ފެށިގެން 240 ރުފިޔާއާ ހަމައަށް ތަފާތުވެފައިވާ ކަމަށާއި، ގިނަ ފާމަސީތަކުން ބުނެފައިވަނީ މި ބޭސް އާސަންދައިން ކަވަރު ނުކުރާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އާސަންދައިން ވަނީ، ތައިރަނޯމް 25 މައިކްރޯގްރާމަކީ އާސަންދަ ސްކީމްގެ ތެރެއިން ފޯރުކޮށްދޭ ބޭހެއް ކަމަށާއި، ގިނަ ބޭސް ފިހާރަތަކަކުން މިހާރުވެސް މި ބޭސް އާސަންދައިގެ ދަށުން ދޫކުރަމުންދާ ކަމަށް ބުނެފައެވެ. އަދި އާސަންދައިގެ ދަށުން ލިބެންޖެހޭ ބޭހެއް ނުލިބޭނަމަ، އެ ބޭސްފިހާރައެއްގެ މައުލޫމާތާއެކު “ޝިކާވަތި” ޕޯޓަލް މެދުވެރިކޮށް ރިޕޯޓުކުރުމަށް އެ ކުންފުނިން ވަނީ އާންމުންނަށް ގޮވާލާފައެވެ.