ޙަރާމްގޮތުގައި މުދާ ހޯދުމަކީ، އަހަރެމެންގެ މުދަލުގެ ބަރަކާތްކެނޑި، އަދި ޢަމަލުތައް ޤަބޫލުވެވުމަށް ހުރަސްއެޅޭނޭކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
“މުދަލުގެ ހުރުމަތް” މި މައުލޫގެ މައްޗަށް މިއަދު ގެނެސްދިން ޚުޠުބާގައިވަނީ ޙަރާމް ގޮތުގައި މުދާ ހޯދުމުގެ ނުރައްކާތެރިކަމާއި، އޭގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ވަނީ ތަފްސީލުކޮށް ވާހަކަދައްކާފައެވެ. މި ޚުޠުބާގައި ޙަލާލު ގޮތުގައި މުދާ ހޯދުމުގެ މުހިންމުކަމާއި، އޭގެ ސަބަބުން ލިބޭނެ ދުނިޔަވީ އަދި އުޚްރަވީ މަންފާތައްވެސް ވަނީ ފާހަގަކޮށްފައެވެ.
ޚުޠުބާގައި ބުނެފައިވާ ގޮތުގައި، މާތްﷲ ވަނީ ކޮންމެ އިންސާނެއްގެވެސް އަޖަލާއި ރިޒުޤު، އަދި އެމީހަކީ ބާއްޖަވެރިއެއްކަން ނުވަތަ އަބާއްޖަވެރިއެއްކަން ކަނޑައަޅުއްވާފައެވެ. އަދި އެއްވެސް އިންސާނަކު، އެ އިންސާނަކަށް މާތްﷲ ކަނޑައަޅުއްވައިފައިވާ ރިޒުޤު ފުރިހަމަވުމުގެ ކުރިން އެމީހަކު މަރެއް ނުވާނެކަން ޚާއްޞަ ގޮތެއްގައި ފާހަގަކުރިއެވެ.
ޚުޠުބާގައި އިސްލާމްދީނުގައި މުދަލުގެ ޙުރުމަތްތެރިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީފައިވެއެވެ. އެގޮތުން މާތް ﷲ އިންސާނާއަށް ދެއްވި މުދަލަކީ ޙުރުމަތްތެރިވެގެންވާ އެއްޗެއްކަމާއި، އެއްވެސް މީހަކު އަނެކާގެ މުދަލަށް ޙައްޤަކާނުލައި އަރައިގަތުމަކީ އިސްލާމްދީނުގައި ޙަރާމްކުރައްވައިފައިވާ ކަމެއްކަން ބަޔާންކޮށްފައިވެއެވެ.
“ހަމަކަށަވަރުން، ތިޔަބައިމީހުންގެ ލެޔާއި މުދަލާއި އަބުރަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. މިއަދު ޙުރުމަތްތެރިވީ ފަދައިންނެވެ. މި މައްސަރު ޙުރުމަތްތެރިވީ ފަދައިންނެވެ. މި ރަށް ޙުރުމަތްރެރިވީ ފަދައިންނެވެ.” ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވެފައިވެއެވެ.
ޚުޠުބާގައި ބުނި ގޮތުގައި ޙަލާލު ގޮތުގައި މުދާ ހޯދުމަކީ، މުދަލުގައި މާތްﷲ ބަރަކާތްލައްވާނެ ކަމެކެވެ. އަދި އެމީހެއްގެ ޢަމަލުތައް މާތްﷲގެ ޙަޟްރަތުގައި ޤަބޫލުވެ، ޙަޔާތަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނެސްދޭނެ ކަމެކެވެ.
އެހެންނަމަވެސް، ޙަރާމްގޮތުގައި މުދާ ހޯދުމަކީ މުދަލުގެ ބަރަކާތްކެނޑި، ޢަމަލުތައް ޤަބޫލުވެވުމަށް ހުރަސްއެޅޭނެ ކަމެއްކަން ޚުޠުބާގައި ވަރަށް ބޮޑަށް ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ޙަރާމް ގޮތުގައި ހޯދާ ތަނަވަސްކަމަކީ، އެ މީހެއްގެ ރިޒުޤުކަމުގައިވެއްޖެ މީހަކަށް ހުރި އަބާއްޖަވެރިކަމެއްގެ ބޮޑުކަންވެސް ފާހަގަކޮށްފައިވެއެވެ.
ޚުޠުބާގެ ނިންމުމުގެ ކުރިން އަދުގެ މުޖުތަމަޢުގެ ޙާލަތާމެދު ވިސްނައި، ޙަލާލު ގޮތުގައި މުދާ ހޯދުމަށް އިސްކަންދިނުމުގެ މުހިންމުކަން ފާހަގަކުރިއެވެ. އަދި މާތްﷲ އެކަލާނގެ ދީނުގައި މުދާ ހޯދައި، އެ މުދާ މިލްކުކުރުމުގެ ހަރުދަނާ އުޞޫލުތަކެއް ކަނޑައަޅުއްވައިފައިވާކަން ހަނދާންކޮށްދީފައިވެއެވެ.