ދައުލަތަށް ގިނަ އަހަރުތަކެއް ވަންދެން ސިއްހީ ދާއިރާއިން އިޚްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށްވާ މޫސާ އަންވަރަށް، ސިއްހީ ދާއިރާއަށް ހިދުމަތްކުރުމުގެ ޝަރަފުވެރިކަމުގެ ގައުމީ އިނާމު މިއަދު އަރުވައިފިއެވެ. އައްޑޫ މީދޫއަށް އުފަން މޫސާ އަންވަރަށް މި ޝަރަފުވެރި އިނާމު އަރުވާފައިވަނީ، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މޫސާ އަންވަރުގެ ހިދުމަތްތަކުގެ ފެށުން ގުޅިފައިވަނީ އައްޑޫ ގަމުގައި އިނގިރޭސީން ތިބި ދުވަސްވަރާ އެވެ. އޭނާ ވަނީ އުމުރުން 16 އަހަރުގައި ރޯޔަލް އެއާ ފޯސްގެ ރީޖަނަލް ސެންޓަރުގައި މަސައްކަތްކުރައްވަން ފައްޓަވާފައެވެ. އޭގެ ފަހުން، މާލެއަށް ދިރިއުޅުން ބަދަލުކުރެއްވުމަށްފަހު، 1977 ވަނަ އަހަރުން ފެށިގެން އޭނާ ދައުލަތަށް ރަސްމީކޮށް ހިދުމަތްކުރައްވަން ފެއްޓެވިއެވެ. އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ އެލައިޑް ހެލްތު ސާވިސަސްގައި ޕްރެކްޓިކަލް ނަރުހެއްގެ މަގާމުގައެވެ.
މޫސާ އަންވަރު ވަނީ ސިއްހީ ދާއިރާގެ ތަފާތު މަސައްކަތްތަކަށް މީހުން ތަމްރީނުކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. އެލައިޑް ހެލްތު ސާވިސަސްގައި ހުންނަވައިގެން ނަރުހުންނާއި ހެލްތު ވޯކަރުންނާއި ފާމަސިސްޓުން ތަމްރީނުކުރެއްވުމުގެ އިތުރުން، ފޫޅުމައިންނަށް ޒަމާނީ ތަމްރީނުތައް ދިނުމުގައި ވެސް އޭނާގެ ބައިވެރިވުން ވަރަށް ބޮޑެވ
ހެލްތު މިނިސްޓްރީގައި ހުންނަވައިގެން އެކި މަގާމުތައް ފުރުއްވިއިރު، ރަށްރަށުގައި ރީޖަނަލް ހޮސްޕިޓަލްތައް އެޅުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އައިޖީއެމްއެޗަށް ހިދުމަތްތައް ބަދަލުކުރުމުގެ މަރުހަލާގައި ވެސް އޭނާ ވަނީ މަސައްކަތްކުރައްވާފައެވެ.



