އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު، މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފި އެވެ. މި ބަޖެޓު މަޖިލީހުގެ ތަޅުމުން ފާސްކުރި އިރު، ބަޖެޓު ކޮމިޓީން އެ ފާސްކޮށްފައި ވަނީ މި މަހުގެ 19 ގަ އެވެ. ކޮމިޓީން ބަޖެޓު ފާސްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހަށް އިތުރަށް ބޭނުންވާ 3.5 މިލިއަން ރުފިޔާ ލިބޭނެ ގޮތަށް ބަދަލުތައް ގެނައުމަށް ފަހު އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި މި ބަޖެޓުގައި ޖުމްލަ 40.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. މީގެ ތެރޭގައި ޓެކުހުގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މީގެ އިތުރުން، ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް އަންދާޒާކުރެ އެވެ. މި ހުރިހާ އަދަދެއް އެއްކޮށްލުމުން، 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 40.3 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރުގެ ބަޖެޓުން ޚަރަދުގެ ގޮތުގައި ޖުމްލަ 49.2 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވެ އެވެ. މި ޚަރަދުގެ ތެރޭގައި ހިމެނެނީ، ރިކަރަންޓް ޚަރަދުގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.3 ބިލިއަން ރުފިޔާ އެވެ. އަދި ޕީއެސްއައިޕީ މަޝްރޫއުތަކަށް އަންނަ އަހަރު 8 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.



