ސްރީ ލަންކާ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން އެ ގައުމަށް އެހީވުމަށް ރާއްޖެ އިން ކުރިއަށް ގެންދިޔަ “ސިލޯނާ އެކު ދިވެހިން” ޓެލެތޯނުން ލިބުނު 800،352 ޑޮލަރު، ލަންކާއަށް ފޯރުކޮށްދިނުމަށްޓަކައި މިއަދު ވަނީ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ. މި އެހީގެ ފައިސާ ފޮރިން މިނިސްޓްރީއާ ހަވާލުކުރީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޔާމީނެވެ. ފޮރިން މިނިސްޓްރީގެ ފަރާތުން މި ފައިސާއާ ހަވާލުވެވަޑައިގަތީ ވަޒީރު ޑރ. ޢަބްދުﷲ ހަލީލެވެ.
ޕީއެސްއެމް އިސްކޮށް އޮވެ، އިތުރު 37 މީޑިއާއަކާ ގުޅިގެން މި ޓެލެތޯން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ހޯމަ ދުވަހުގެ މެންދުރު ފަހު 2:00 އަށެވެ. މި ޓެލެތޯނަށް ޖުމުލަ 800،352 ޑޮލަރު ލިބިފައިވެ އެވެ. “ސިލޯނާ އެކު ދިވެހިން” ޓެލެތޯނަށް އާންމު ރައްޔިތުންނާއި ސަރުކާރުގެ އެކިއެކު މުއައްސަސާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވެސް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
މި ޓެލެތޯނަށް އެންމެ ބޮޑު އެހީއެއް ދިނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުންނެވެ. ފުލުހުން ވަނީ 2.4 މިލިޔަން ރުފިޔާގެ އެހީއެއް ދީފަ އެވެ. ދެވަނަ އަށް އެންމެ ބޮޑު އެހީއެއް ދެއްވީ ދިވެހި ސިފައިންނެވެ. ސިފައިންގެ ފަރާތުން އެއް މިލިޔަން ރުފިޔާ ހަދިޔާކޮށްފައިވެ އެވެ. މިފަދަ ބޮޑު ކާރިސާއެއްގައި ލަންކާއަށް އެހީތެރިވުމަށްޓަކައި ދިވެހި ރައްޔިތުންގެ ފަރާތުން ލިބުނު މި އެހީތެރިކަމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށްދޭނެ ކަމެއް ކަމަށް ބެލެވެ އެވެ.
މީގެ އިތުރުން ސަރުކާރުން ވެސް ވަނީ ލަންކާ އަށް އެހީގެ ގޮތުގައި 50،000 ޑޮލަރާއި 25،000 މަސްދަޅު ހަދިޔާ ކުރަން ނިންމައިފަ އެވެ. މި އެހީތައް ވެސް ވަރަށް އަވަހަށް ލަންކާއަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށް ލަފާކުރެވެ އެވެ.



