ސްރީލަންކާއަށް އެރި ތޫފާން “ދިތުވާ” އާ ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވުމަށް ރާއްޖެއިން ދެއްކި އެއްބައިވަންތަކަމަކީ އެގައުމުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔެކެ ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑިސަނަޔެކެ ވިދާޅުވީ، މި ދަނޑިވަޅުގައި ރާއްޖެއިން ދެއްވި އެހީތެރިކަމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ ހެއްކެއް ކަމަށެވެ. ލަންކާގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބުނު މި ތޫފާނުގެ ސަބަބުން މިހާތަނަށް 474 މީހުން މަރުވެ، 360 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. އެގައުމުގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.
ލަންކާގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ދިވެހި ސަރުކާރުން ވަނީ 50،000 އެމެރިކާ ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާކޮށްފައެވެ. އެ ފައިސާ އިއްޔެ ހަވާލުކޮށްފައިވާއިރު، މަސްދަޅު ކޭސްތައް ހިފައިގެން އެމްއެސްއެސްގެ ބޯޓު މިއަދު ވަނީ ލަންކާއަށް ފުރައިފައެވެ. މީގެ އިތުރުން، ޕީއެސްއެމްއިން އިސްނަގައިގެން ކުރިއަށްގެންދިޔަ ‘ސިލޯނާއެކު ދިވެހިން’ ޓެލެތޯނުން ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ވަނީ އިއްޔެ ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފައެވެ.
މި ޓެލެތޯނަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ހަދިޔާކޮށްފައިވަނީ ދިވެހި ފުލުހުންގެ ފަރާތުންނެވެ. ފުލުހުން ވަނީ 2.4 މިލިއަން ރުފިޔާ ހަދިޔާކޮށްފައެވެ. ދެވަނައަށް އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދިނީ ދިވެހި ސިފައިންގެ ފަރާތުންނެވެ؛ ސިފައިންގެ ފަރާތުން އެއް މިލިޔަން ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ. މީގެ އިތުރުން ސަރުކާރުގެ މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާތަކުންވެސް ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރިކުރާ ފަރާތްތަކުންވެސް ލަންކާއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.



