މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކޮށްފިއެވެ. މި ބަދަލު ގެނެސްފައިވަނީ މިފްކޯއިން މަސްވެރިންނަށް ދެމުން އަންނަ ހިދުމަތްތައް އިތުރަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ފިއުލްސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއި އެކު ގާއިމްކުރި އެއްބަސްވުމެއްގެ ދަށުންނެވެ.
މި ބަދަލާއެކު، މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު އެވްރެޖްކޮށް 51 ލާރި ހެޔޮވާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.
އަގު ހެޔޮކުރި ގޮތަށް ބަލާއިރު، މިފްކޯއަށް މަސްކިރާ ހުރިހާ ފަރާތްތަކަށް ތެޔޮ ވިއްކާނީ ލީޓަރަކަށް 13.90ރ އަށެވެ. ނަމަވެސް، އެއްފަހަރާ ތިން ޓަނަށްވުރެ އިތުރަށް މަސްކިރާ ފަރާތްތަކަށް އިތުރު ލުޔެއް ލިބިގެންދާނެކަމަށާއި، އެގޮތުން، ތިން ޓަނަށްވުރެ މަތިން މަސްކިރާ ފަރާތްތަކަށް ތެލުގެ އަގު އެވްރެޖްކޮށް 71 ލާރި ހެޔޮވެ، ލީޓަރެއް 13.72ރ އަށް ލިބޭނެކަމަށް އެ ވުޒާރާއިން ބުނެއެވެ.
މަސްވެރިންގެ އިތުރުން، އާންމު ފަރާތްތަކަށް ވިއްކާ ތެލުގެ އަގުވެސް މިފްކޯއިން ވަނީ ހެޔޮކޮށްފައެވެ. އެގޮތުން، އާންމު ފަރާތްތަކަށް މިފްކޯއިން ތެޔޮ ވިއްކަމުންދާނީ ލީޓަރަކަށް 14.43ރ އަށެވެ..



