އަންނަ ރޯދަ މަހު ސުކޫލުތަކުގައި ކިޔަވައިދިނުން ކުރިއަށްދާނީ އެންމެ ހަފުތާއަކު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ. އެ މިނިސްޓްރީން އިއްޔެ އާންމުކުރި ދިރާސީ އާ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން، ރޯދަ މަހުގެ ތެރޭގައި ކިޔަވައިދޭނީ އަންނަ ފެބުރުވަރީ މަހުގެ 22 އިން 26 ގެ ނިޔަލަށެވެ.
މަސް ދުވަހުގެ ބޮޑު ޗުއްޓީއަށްފަހު ދަރިވަރުންގެ ކިޔެވުން އަންނަ އަންގާރަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު 14 ދުވަހުގެ މުއްދަތަކަށް ކިޔެވުން ކުރިއަށްދާއިރު، އަންނަ ފެބުރުވަރީ މަހުގެ 18 ގައި ރޯދަ މަސް ފެށޭނެ ކަމަށް ކަލަންޑަރުގައި ފާހަގަކޮށްފައިވެއެވެ. ރޯދަ މަހުގެ ފުރަތަމަ ހަފުތާގެ ކިޔެވުމަށްފަހު، މާރިޗު އެކަކުން އަށަކަށް ކުރިއަށްދާނީ ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (ޕީޑީ) ދުވަސްތަކެވެ.
ރޯދަ މަހުގެ ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، މާރިޗު މަހުގެ 9 އިން 19 އަށް ސުކޫލުތައް ބަންދުވާނެއެވެ. މި ބަދަލާއެކު ދަރިވަރުންނަށް ރޯދަ މަހުގެ ތެރޭގައި ޖުމްލަ 26 ދުވަހުގެ ދިގު ޗުއްޓީއެއް ލިބިގެންދާނެއެވެ. ޗުއްޓީއަށްފަހު އަލުން ސުކޫލުތައް ހުޅުވޭނީ މާރިޗު މަހުގެ 23 ވަނަ ދުވަހުއެވެ.



