މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ކުރިއަށްގެންދާ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއު އެއްކޮށް ނިންމާލައިފިއެވެ. މި މަޝްރޫއުގެ ދަށުން 47 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، މަސައްކަތް ނިމިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރޭ ބޭއްވި ޕީއެންސީގެ ކެމްޕެއިން ހަރަކާތެއްގައި އިއުލާން ކުރައްވާފައެވެ.
ކުރީގެ ސަރުކާރުގެ ‘ބިންވެރިޔާ’ ސްކީމުގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު 698 ފަރާތެއްގެ ގުރު މިފަހުން ނަގާފައިވާއިރު، މި ސަރުކާރުން ވެސް ވަނީ އެ ސަރަހައްދުން އަލަށް 1,351 ގޯތި ދޫކުރުމަށް ނިންމާފައެވެ. ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ސަރުކާރުން ވަނީ ބޮސްކާލިސްގެ ޓްރެއިން ސަކްޝަން ހޮޕާ ޑްރެޖަރު ރާއްޖެ ގެނެސް، އިތުރު ޑްރެޖަރުތަކާއެކު މަސައްކަތުގެ ސްޕީޑު ބާރުކޮށްފައެވެ.
މީގެ އިތުރުން ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި، އެ ސަރަހައްދުގައި ދެ ޑްރެޖަރު މިހާރު ތައްޔާރީ ހާލަތުގައި އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، އުތުރުތިލަފަޅު ހިއްކުމުގެ ތައްޔާރީތައް ވަމުންދާއިރު، ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ވެސް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ލަފާކުރައްވާ ގޮތުގައި އަންނަ އޭޕްރީލް މަހުގެ ތެރޭގައި ފުށިދިއްގަރުފަޅު އެއްކޮށް ހިއްކައި ނިންމާލެވޭނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ ސަރަހައްދުން ގޯތި ލިބޭނެ ފަރާތްތައް ކަނޑައެޅިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ..



