ޕާކިސްތާނުގެ އިސްލާމްއާބާދުގެ ތަރްލާއީ ސަރަޙައްދުގައި ހުރި މިސްކިތެއްގައި ހުކުރު ނަމާދު ވަގުތު ދިން ނުރައްކާތެރި ޓެރަރިސްޓް ޙަމަލާ، ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހިތާމަވެރި ހާދިސާގައި އެތައް ބައެއްގެ ފުރާނަ ގެއްލި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެފައިވާތީ އެކަމުގެ ކަންބޮޑުވުން ސަރުކާރުން ވަނީ ފާޅުކުރައްވާފައެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި، މި ޙަމަލާގެ ސަބަބުން ލިބުނު ފުން ހިތާމައިގައި ބައިވެރިވެ، ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ފަރާތުން ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ. އަދި މި ޙަމަލާގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވުމަށް އެދި، ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ވަނީ ދުޢާކޮށްފައެވެ.
ޓެރަރިޒަމްގެ އެންމެހައި ޢަމަލުތަކަކީ ދިވެހިރާއްޖެއިން އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަންކަމެއް ނޫންކަން ފާހަގަކުރައްވައި، ޚާރިޖީ ވުޒާރާއިން ވިދާޅުވީ އަޅުކަންކުރާ ބިނާތަކަށް އަމާޒުކޮށްދޭ މިފަދަ ފިނޑި ޙަމަލާތަކަކީ އިންސާނިއްޔަތާއި، ދީނާއި، އަދި އަޚްލާޤީ އެންމެހައި އަސާސްތަކާ ޚިލާފު ޢަމަލުތަކެއް ކަމަށެވެ. މިފަދަ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން މުޖުތަމަޢުގެ ސުލްޙަ މަސަލަސްކަން ގެއްލިގެންދާކަންވެސް އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
މި ދަތި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންނާ އެކުގައިކަން ހާމަކުރައްވައި، ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް އޮންނާނެކަމުގެ ޔަޤީންކަން ޚާރިޖީ ވުޒާރާއިން ވަނީ ދެއްވާފައެވެ.



