އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި ބައިވެރިވުމަށް 26،000 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީ ވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ހުޅުވާލި ފުރުޞަތުގައި ޖުމްލަ 26,454 މީހަކު ވަނީ ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވެފައެވެ. މީގެ ތެރެއިން 21 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ބޭނުންވާ އަދަދަށް މީހުން ރަޖިސްޓްރީވެފައިވާ ކަމަށްވެސް ކޮމިޝަނުން ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްގެ ‘ރާއްޖެ މިއަދު’ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރަތަމަ ބުރުގައި އެކަނިވެސް 22،000 މީހުން ހުށަހެޅި ކަމަށެވެ.
“ޖުމުލަކޮށް ބަލާނަމަ މި އިންތިޚާބުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނެއްގައި 90,000 އަށްވުރެ ގިނަ މީހުން ވޯޓުލާނެ،” އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް، ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ބޭނުންވާ އަދަދަށް މީހުން ރަޖިސްޓްރީވެފައި ނުވާތީ، މިފަހަރު ރާއްޖެއިން ބޭރުގައި އެއްވެސް ފޮއްޓެއް ނުބަހައްޓާނެއެވެ.
މި އިންތިޚާބުގައި ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމަށް ހަމަޖެހިފައިވަނީ ރީ-ރަޖިސްޓްރޭޝަންގެ މަރުހަލާތައް މުޅިން ނިމުމުންނެވެ.
ސިޔާސީ 6 ޕާޓީއަކުން ވާދަކުރާ މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުންނާއި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. ޖުމްލަ 2,960 ކެންޑިޑޭޓުން ވާދަކުރާއިރު، އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ ޕީއެންސީ (1322 ކެންޑިޑޭޓުން) އަދި އެމްޑީޕީ (905 ކެންޑިޑޭޓުން) އެވެ. މީގެ އިތުރުން 644 އަމިއްލަ ކެންޑިޑޭޓުންވެސް މި އިންތިޚާބުގައި ވާދަކުރެއެވެ.”



