މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި، އެކަމުގެ ސަބަބުން ކުރިމަތިވާ ކަންކަން ހައްލުކުރުމަށްޓަކައި ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ ހާއްސަ ކޮމިޓީއެއް އުފައްދަވައިފިއެވެ.
މި ކޮމިޓީގެ ޗެއަރއެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލެވެ. މި ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވާ ވަޒީރުންނަކީ ޑިފެންސް މިނިސްޓަރ މުހައްމަދު ޣައްސާން މައުމޫން، ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު، އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު، ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން، ހޯމް މިނިސްޓަރ އަލީ އިހްސާން، ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް، ހައުސިންގް މިނިސްޓަރ ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި، މި ކޮމިޓީގައި ހިމެނޭ ވުޒާރާތަކުން މެދުއިރުމަތީގެ މަސްރަހާ ގުޅޭ އެންމެހާ މައުލޫމާތުތައް ރައްޔިތުންނާ ހިއްސާކުރަމުންދާނެއެވެ. މި ނިންމުމަކީ ބޭރުގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ރައްޔިތުންގެ ދިރިއުޅުމަށް އަތުވެދާނެ ލޮޅުންތަކުން ރައްކާތެރިވުމަށް ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅެކެވެ.



