ރާއްޖެއިން ފުރަން އޮތް ބައިނަލްއަޤުވާމީ 8 ފްލައިޓެއް ކެންސަލްވުމާ ގުޅިގެން، 1400 އެއްހައި ފަތުރުވެރިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ނުފުރި ތާށިވެއްޖެއެވެ.
މި ހާލަތާ ގުޅިގެން ޓޫރިޒަމް މިނިސްޓަރ ތާރިޤް އިބްރާހިމް ވަނީ އެއާޕޯޓަށް ވަޑައިގެން، ނުފުރިފައި ތިބި ފަތުރުވެރިންގެ ހާލަތު ބައްލަވާލައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ފްލައިޓްތައް ކެންސަލްވުމާއެކު ފަތުރުވެރިންނަށް އެނބުރާ ރިސޯޓުތަކަށް ނުވަތަ ގެސްޓްހައުސްތަކަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދިން ނަމަވެސް، ގިނަ ބަޔަކު ބޭނުންވީ އެއާޕޯޓުގައި މަޑުކޮށްގެން އެހެން ފްލައިޓަކުން ފުރޭނެ ގޮތެއް ހޯދުމަށް ކަމަށެވެ.
އެއާޕޯޓުގައި މަޑުކުރަން ނިންމި ފަތުރުވެރިންނަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ (އެމްއޭސީއެލް) އިން އަންނަނީ އިސް ދައުރެއް އަދާކުރަމުންނެވެ. މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، ފަތުރުވެރިންނަށް އެއާޕޯޓުގެ ޓާމިނަލް ތެރޭގައި އަރާމުކޮށްލެވޭނެ ގޮތަށް ބްލެންކެޓާއި އެހެނިހެން ވަސީލަތްތައް ވަނީ ފޯރުކޮށްދީފައެވެ. އަދި އާއިލާތަކަށް އިތުރު ފަސޭހަ ހޯދައިދިނުމަށްޓަކައި ކުރީގެ އައިލެންޑް އޭވިއޭޝަން ލައުންޖު ސާފުކޮށް، އެތަނުގައި ތިބެވޭނެ އިންތިޒާމުތައް މިހާރު ދަނީ ހަމަޖައްސަމުންނެވެ.

ނުފުރިފައި ތިބި ފަތުރުވެރިން މިވަގުތު މަޑުކޮށްގެން ތިބީ ކުރީގެ ޑޮމެސްޓިކް ޓާމިނަލް ސަރަހައްދާއި އެ ސަރަހައްދުގައި ހުންނަ އޭސީ ރެސްޓޯރެންޓުގައެވެ. އެތަނުގައި ފަތުރުވެރިންނަށް ބޯފެނާއި ނިދޭނެ އިންތިޒާމުތައް ސަރުކާރާއި އެމްއޭސީއެލް ގުޅިގެން ވަނީ ގާއިމުކޮށްދީފައެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރާއި އިންޑަސްޓްރީގެ އަމާޒަކީ ފަތުރުވެރިންނަށް އެންމެ ފަސޭހަ ގޮތްތައް ހޯދައިދީ، އެމީހުންނަށް ފުރެންދެން ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުން ކަމަށެވެ.
މި ދުވަސްވަރު މެދުއިރުމަތީގެ ގައުމުތަކަށް ދަތުރުކުރާ ފަރާތްތަކުން ފުރުމުގެ ކުރިން ފްލައިޓުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.



