ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ، މިހާރު ޢަމަލުކުރަމުންދާ ފެހި ޤާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ވެސް ބޮޑު ތާއީދެއް ލިބިފައިވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ. ނާޒިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ އިންތިޚާބު ބާއްވާނެ ތާރީޚުތަކާ ގުޅޭގޮތުން ޚާއްޞަ މަޖިލީހުގައި ފުޅާ ދާއިރާއެއްގައި ބަހުސްކުރެވި، އެކަމާ ގުޅޭ ގޮތުން ތިން ހުށަހެޅުމެއް ހުށަހެޅިފައިވާ ކަމަށެވެ.
ނާޒިމް ހާމަކުރެއްވި ތަފްސީލުތަކަށް ބަލާއިރު، އެ ދުވަސްވަރު ޚާއްޞަ މަޖިލީހަށް ހުށަހެޅުނު އިޞްލާޙުތަކަކީ މާލޭ މެންބަރު އިބްރާހީމް އިސްމާޢީލް (އިބުރާ) އާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޢަލީ ވަޙީދުގެ އިތުރުން އެ ދާއިރާގެ މެންބަރު ޝާހީން ޙަމީދު ހުށަހެޅުއްވި އިޞްލާޙުތަކެކެވެ. މީގެ ތެރެއިން އިބްރާހީމް އިސްމާޢީލް ހުށަހެޅުއްވި އިޞްލާޙުގައި “ދެން އެންމެ އަވަހަށް އޮންނަ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނީ އެކުއެކީގައި” ކަމަށް ބަޔާންކޮށްފައިވާކަން ނާޒިމް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ޢަލީ ވަޙީދާއި ޝާހީން ޙަމީދު ހުށަހެޅުއްވި އިޞްލާޙުތަކުގައި ވެސް ބާރުއަޅާފައި ވަނީ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާތާ 6 މަހާއި 8 މަސްދުވަހުގެ ތެރޭގައި ދެ އިންތިޚާބު އެކުގައި ބޭއްވުމަށެވެ. މިއީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި އިންތިޚާބީ ނިޒާމު ހަރުދަނާކުރުމަށް އޭރުގެ މެންބަރުން ވެސް ވިސްނަވާފައިވާ ކަމެއްކަން މި ހުށަހެޅުންތަކުން އެނގޭ ކަމަށް ނާޒިމްގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެ އެވެ.
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބާއްވާ ގޮތަށް ޤާނޫނުއަސާސީ ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ ބިލެއް ފާސްކޮށްފަ އެވެ. ނަމަވެސް، މި ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފާސްވެގެން ކަމަށްވާތީ، އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާ އެކު މިކަމާ ގުޅޭ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް މިހާރު ވަނީ ނިންމައިފަ އެވެ.



