ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި އަތޮޅުތަކުގައި ޤާއިމުކުރާ 347 ވޯޓުލާ މަރުކަޒަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.
އެކޮމިޝަނުން ބުނީ ހުކުރު ދުވަހުން ފެށިގެން ކަނޑުމަގުންނާއި ވައިގެމަގުން އަތޮޅުތަކަށް މި ތަކެތި ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން ހުކުރު ދުވަހު ވައިގެމަގުން ތަކެތި ފޮނުވާފައިވަނީ ހއ،ރ،ތ،ލ،ގއ،ގދ،ސ.އަތޮޅު، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށެވެ. އަދި ކަނޑުމަގުން ތަކެތި ފޮނުވާފައިވަނީ ހދ،ށ،ނ،ބ،ޅ،އއ،އދ،ވ،މ،ފ އަދި ދ އަތޮޅަށެވެ. މީގެ އިތުރުން ކ އަތޮޅުގެ ރަށްތަކަށް ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ 2026 މާރިޗު 30 އަދި 31 މި ދެދުވަހު ކަމަށްވެސް އެކޮމިޝަނުން ހާމަކޮށްފައިވެއެވެ.
2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ މަސައްކަތަށް ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދަނީ އެކޮމިޝަނުގެ މުވައްޒަފުން ދިވެހި ފުލުހުންގެ އެހީތެރިކަމާއެކުގައެވެ.



