ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން ހުއްޓުވާނެ ޤާނޫނީ އަސާސެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ހޮނިހިރު ދުވަހު ނެގުމަށް ތައްޔާރުވެފައިވާއިރު މި ވޯޓަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ޤާނޫނު އަސާސީއަށް ގެނެސްފައިވާ 8 ވަނަ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރުމަށް ފެނޭތޯ ބެލުމަށް ނަގާ ވޯޓެކެވެ.
ގާނޫނީ ވަކީލް އައިކް އަހުމަދު އީސާ އާއި ގާނޫނީ ވަކީލް އިބްރާހިމް ޝިޔާމްގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންނާ ކުރުމަށް ކަނޑައަޅާފައިވާ ސުވާލަކީ ގާނޫނު އަސާސީއާ ޚިލާފް ސުވާލެއް ކަމަށް ބުނެ އެ ވޯޓު ހުއްޓުވުމަށެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ހުކުމް ކޮށްފައިވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން ހުއްޓުވުމަށް ހުށަހަޅާފައިވާ ދޫސްތޫރީ މައްސަލައިގެ ހުކުމް އިއްވަވަމުންނެވެ. ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓެއް ނަގާއިރު ސުވާލު ހިމަނަންޖެހޭ ވަކި ގޮތެއް ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ވެސް ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި މިހާރު ސުވާލު އޮތީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ބެލެވެން ނެތް ކަމަށާއި އެހެންވެ ފެންނަ ނުފެންނަ ވޯޓު ހުއްޓުވެން ނެތް ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރައްވަމުން އެމަނިކުފާނު ވިދާޅުވިއެވެ.



