އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 50 އަށްވުރެ ގިނަ ސިއްހީ އެހީތެރިންނާއި ޕެރާމެޑިކުން ޝަހީދުވެފައިވާ ކަމަށް ލުބުނާނުގެ ސަރުކާރުން ހާމަކޮށްފިއެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތުހުމަތުކުރާ ގޮތުގައި އިސްރާއީލުން ދަނީ ގަސްދުގައި ސިއްހީ ޚިދުމަތްތެރިންނަށް އަމާޒުކޮށް ހަމަލާދެމުންނެވެ.
މިގޮތުން ހިނގާފައިވާ ހިތާމަވެރި ހާދިސާތަކުގެ ތެރޭގައި، ލުބުނާނުގެ ރެޑް ކްރޮސްގެ ވޮލަންޓިއަރެއް ކަމަށްވާ ޔޫސުފް އައްސާފް، ދެކުނު ލުބުނާނުގެ މަޖްދަލް ޒޫންގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ދިން ހަމަލާއެއްގައި ވަނީ ޝަހީދުވެފައެވެ. އޭނާގެ ޖަނާޒާގައި ސަތޭކައަށްވުރެ ގިނަ ސިއްހީ އެހީތެރިން ބައިވެރިވެފައިވާއިރު، މިއީ ސިއްހީ ޚިދުމަތްތެރިންނަށް ކުރިމަތިވަމުންދާ ނުރައްކަލުގެ ހެއްކެއް ކަމަށް މަސްދަރުތަކުން ބުނެއެވެ.
ލުބުނާނުގެ ރެޑް ކްރޮސް އިން ބުނާ ގޮތުގައި، އެމްބިއުލާންސްތައް ހަރަކާތްތެރިވާ ސަރަހައްދުތަކުގެ ކޯޑިނޭޓްސް އދ. މެދުވެރިކޮށް އިސްރާއީލަށް ދަނީ ހިއްސާކުރަމުންނެވެ. ނަމަވެސް، މި ޕްރޮޓޮކޯލްތަކަށް އަމަލުކުރަމުން ދަނިކޮށްވެސް ހަމަލާތައް އަމާޒުވާތީ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ރެޑް ކްރޮސްގެ އެމަޖެންސީ މެޑިކަލް ސާވިސަސްގެ ޑައިރެކްޓަރު އެލެކްސީ ނެހްމޭ ވިދާޅުވީ، އައްސާފް ޝަހީދުވި ހާދިސާއާ ގުޅިގެން އިސްރާއީލާ ސުވާލުކުރި ނަމަވެސް އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.
އިސްރާއީލު އަސްކަރިއްޔާއިން ބުނެފައިވަނީ އެ ދުވަހު ހަމަލާދިނީ ހިޒްބުاللهގެ އަސްކަރީ އިމާރާތަކަށް ކަމަށާއި، ރެޑް ކްރޮސްގެ މުވައްޒަފުން އެ ސަރަހައްދުގައި ތިބިކަން އެނގިފައިނުވާ ކަމަށެވެ. ނަމަވެސް ލުބުނާނުގެ ކުރީގެ ސިއްހަތާ ބެހޭ ވަޒީރު ޑރ. ފިރާސް އަބިއާދު ވިދާޅުވީ، 24 ގަޑިއިރު ތެރޭގައި 10 ސިއްހީ އެހީތެރިން ޝަހީދުވުމަކީ އެއީ އިއްތިފާގެއް ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ.
ލުބުނާނުގެ މިހާރުގެ ސިއްހަތާ ބެހޭ ވަޒީރު ރަކާން ނާސިރުއްދީން ވިދާޅުވީ، ސިއްހީ އެހީތެރިންނަށް އަމާޒުކޮށްދޭ ހަމަލާތަކާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ހިއުމަން ރައިޓްސް ވޮޗް (އެޗް.އާރު.ޑަބްލިއު) އިން ވެސް ވަނީ މީގެ ކުރިން ގާޒާ އާއި ލުބުނާނުގައި އިސްރާއީލުން ގަސްދުގައި ސިއްހީ ޚިދުމަތްތެރިންނަށް ހަމަލާދީފައިވާކަން ފާހަގަކޮށްފައެވެ.
ލުބުނާނުގެ ސަރުކާރުގެ ހިސާބުތަކުން ދައްކާގޮތުގައި، އިސްރާއީލުގެ މި އުދުވާނުގައި މިހާތަނަށް 1,400 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ހިމެނޭ 54 ސިއްހީ އެހީތެރިންނަކީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުންދިޔަ ފަރާތްތަކެވެ.



