އެއް މަސްދުވަހުގެ މެދުކެނޑުމަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް އަންނަ ހަފުތާގައި އަލުން ފެށުމަށް ތައްޔާރުވެއްޖެއެވެ. މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ދައުރުގެ ހަވަނަ ޖަލްސާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ހޯމަ ދުވަހަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ މާރިޗު މަހުގެ 8 ވަނަ ދުވަހުއެވެ. ޖަލްސާތައް މެދުކަނޑާލީ ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެންނެވެ. އަންނަ ހޯމަ ދުވަހު ޖަލްސާތައް ފެށުމަށް ނިންމި ނަމަވެސް، އެ ދުވަހުގެ އެޖެންޑާގައި ހިމެނޭ ކަންކަން މަޖިލީހުން އަދި އިއުލާނެއް ނުކުރެއެވެ.
މި ދައުރުގެ ތެރޭގައި ސަރުކާރުގެ ފަރާތުން މުހިންމު ބިލުތަކެއް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅޭ ބިލަކާއި، މަޖިލިސް މެންބަރުންނާއި ކައުންސިލަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާ ގުޅޭ ގާނޫނީ އިސްލާހުތައް ހިމެނޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރިން ވަނީ ވިދާޅުވެފައެވެ.
އާންމު އުސޫލުން މަޖިލީހުގެ ފުރަތަމަ ދައުރު މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. .



