ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:15 އިން މެންދުރުފަހު 13:15 އާ ހަމައަށް ކަދުރު ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. ކަދުރު ދޫކުރާނީ އެ ވުޒާރާއަށް ވަޑައިގަންނަވާ ތަރުތީބުން ނަމްބަރު ދޫކޮށްގެންނެވެ.
މިގޮތުން ކޮންމެ ދުވަހަކުވެސް ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި އުމުރުން ދުވަސްވީ މީހުންނަށް 100 ނަމްބަރު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އާންމު ފަރާތްތަކަށް ކޮންމެ ދުވަހަކު 250 ނަމްބަރު ދޫކުރާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
ކަދުރު ބަލާ ވަޑައިގަންނަވާ ފަރާތްތަކުން ކަރަންޓު މީޓަރު ނަމްބަރު އެނގޭނެ ލިޔުމަކާއި، ހަވާލުވާ ފަރާތުގެ އައިޑީކާޑު ގެންދަން ޖެހެއެވެ. ކޮންމެ މީހަކަށްވެސް ގިނަވެގެން ކަދުރު ދޫކުރާނީ ފަސް މީޓަރު ނަމްބަރަށެވެ. މީގެ އިތުރުން، އެ ވުޒާރާގެ އެއް ނަމްބަރު ކައުންޓަރުން ކައުންސިލްތަކަށް ކަދުރު ދޫކުރުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.



