ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ. މި އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ހުވަދު އަތޮޅާ ހަމައަށް، މިއަދު މެންދުރުފަހު 14:00 އިން ފެށިގެން މިރޭ 20:00 އާ ހަމައަށެވެ.
މޫސުމާ ބެހޭ އިދާރާއިން ހާމަކުރި ގޮތުގައި، އެލާޓް ނެރެފައިވާ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައިވަނީ ލ. ކައްދު އަށެވެ. އެއީ 68.3 މިލިމީޓަރުގެ ވާރެއެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރު ކުރައްވާ ފަރާތްތަކުންނާއި އާންމު ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭއިރު، އެހެން ހިސާބުތަކުގެ ކަނޑުތައް ވިލާގަނޑުގައި ގަދަވާނެ ކަމަށް ބެލެވެއެވެ.



