އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރެވޭ ‘ޕޮޕިޔުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް’ ގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. އޭސީސީއިން މިއަދު ހާމަކުރި ގޮތުގައި މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.
އޭސީސީގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، ފެބްރުއަރީ 2014 އިން އޮކްޓޯބަރު 2015 ގެ ނިޔަލަށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ވަނީ ޕޮޕިއުލާ މޯލްޑިވްސްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައެވެ. އެގޮތުން 13 ޖުލައި 2015 ގައި އެސްއޯއެފްގެ ޗެކެއް މެދުވެރިކޮށް 150,000 ޑޮލަރު އެ ކުންފުނީގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާކަން ވަނީ ކަށަވަރުވެފައެވެ.
މި ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއްގެ ތެރެއިން ލިބުނު ފައިސާކަމަށް ދައްކަން އެ ކުންފުނިން މަސައްކަތް ކޮށްފައިވާ ކަމަށާއި، ފައިސާގެ އަސްލު އޮޅުވާލައި، އެއާ ގުޅޭ ހައްގުތައް ސިއްރުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އޭސީސީގެ ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން ތ. އޮޅުގިރީގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދެއްކީ ވެސް ކުށްކޮށްގެން ހޯދި ފައިސާކަން ތަހުގީގަށް ވަނީ ހޯދިފައެވެ.
ތ. އޮޅުގިރި ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ހެދި އެއްބަސްވުމުގައި، 36 މަސްދުވަހުގެ ތެރޭގައި އެ ރަށް ރިސޯޓަކަށް ތަރައްގީ ކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ މުއްދަތުގައި އެކަން ފުރިހަމަކޮށްފައި ނުވާކަން އޭސީސީއިން ފާހަގަކުރެއެވެ. އެހެންކަމުން، އެއްބަސްވުމުގެ ދަށުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާތީ، އެ ރަށް ދައުލަތަށް އަނބުރާ ނެގުމަށް ޓޫރިޒަމް މިނިސްޓްރީއަށް ފޮނުވަން ވެސް ވަނީ ނިންމާފައެވެ.
އޭސީސީއިން ޕީޖީ އޮފީހުގައި އެދިފައިވަނީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުވާކޮށްދިނުމަށެވެ. އަދި ޕޮޕިއުލާ މޯލްޑިވްސްއިން ހޯދި 150,000 ޑޮލަރު ދައުލަތަށް އަނބުރާ ނަގައިދިނުމަށް ވެސް ވަނީ އެދިފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި މި ބޮޑު ހިޔާނާތުގައި، ރަށްތަކާއި ފަޅުތައް ވިއްކައިގެން ލިބުނު ފައިސާ އެންމެ ގިނައިން ޖަމާވީ އެސްއޯއެފްގެ އެކައުންޓަށެވެ. އެ އެކައުންޓުން އެކި ކުންފުނިތަކަށާއި ފަރުދުންނަށް ފައިސާ ބަހައި، މަނީ ލޯންޑަރިންގެ ގިނަ އަމަލުތަކެއް ހިންގާފައިވެއެވެ. އޭސީސީއިން ބުނީ އެމްއެމްޕީއާރުސީއާ ގުޅޭ ސީރިއަސް ގިނަ މައްސަލަތަކެއްގައި ދައުވާކުރުމާ މެދު މިހާރު ވެސް ޕީޖީ އޮފީހާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.



