ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އެކި ކުޅިވަރުތަކަށް ހާއްސަކޮށްގެން ތަރައްގީކުރި ‘N1 ސްޕޯޓްސް ޕާކު’ ރޭ ރަސްމީކޮށް ހުޅުވައިފިއެވެ. ހުޅުމާލޭ ފިޔަވައްޗާ އިންވެގެން އޮންނަ ބިމުގައި ގާއިމުކުރި މި ޕާކު ހުޅުވައިދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އަދި ހުޅުމާލެ ކޮމިޔުނިޓީ ރެޕްރެޒެންޓެޓިވް އިބްރާހިމް ނައީމް އެވެ.
މި ސްޕޯޓްސް ޕާކަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށާއި، ކުޅިވަރު ކުޅޭނެ ވަސީލަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ބިނާކުރި ތަނެކެވެ. މި ޕާކުގައި ފުޓްސަލް ދަނޑަކާއި، ވޮލީ ކޯޓެއްގެ އިތުރުން ހާފް ބާސްކެޓް ކޯޓެއް އަދި ޕާކިން ޒޯނެއް ވަނީ ގާއިމުކޮށްފައެވެ.
އެޗްޑީސީން ބުނި ގޮތުގައި މި ޕާކު މިހާރު ވަނީ އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލާފައެވެ. މިއީ ރައްޔިތުންގެ ދުޅަހެޔޮކަމަށް އިސްކަންދީގެން އެ ކުންފުނިން ކުރިއަށްގެންދާ ގިނަ މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއެވެ. މިގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވެސް މިފަދަ ކުޅިވަރު އެކުވެންޏެއް ގާއިމުކޮށް މިހާރު އަންނަނީ ބޭނުންކުރަމުންނެވެ.
ކުޅިވަރު ކުޅޭނެ ދަނޑުތަކުގެ އިތުރުން، އައުޓްޑޯ ޖިމްތައް ފަދަ އިޖުތިމާއީ ވަސީލަތްތައް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށް އެޗްޑީސީން އަންނަނީ ހާއްސަ އިސްކަމެއް ދެމުންނެވެ.



