ދީނީ އިލްމު ފެތުރުވުމާއި އިސްލާމީ ތައުލީމު ކުރިއެރުވުމުގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވި ފަޟީލަތުއްޝައިހު އިސްމާޢީލް މުޙައްމަދު ނިޔާވުމަކީ ގައުމަށް ބޮޑު ގެއްލުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރޭ ނިޔާވި ޝައިހު އިސްމާއިލް އަކީ ރާއްޖޭގެ ދީނީ އިލްމުވެރިންގެ ތެރޭ ވަރަށް މުހިންމު މަޤާމެއް ހޯއްދެވި ބޭފުޅެކެވެ.
ޝައިހ ނިޔާވުމާ ގުޅިގެން ހިއްސާކުރެއްވި ތައުޒިޔާގެ މެސެޖުގައި، ރައީސް ވިދާޅުވީ ޝައިހު އިސްމާޢީލަކީ ދީނީ އިލްމު ފެތުރުވުމާއި، ދައުވަތުގެ މަސައްކަތާއި، ދިވެހި ޒުވާނުންނަށް ބޭރުގައި މަތީ ދީނީ ތައުލީމު ހާސިލުކުރުމުގެ ދޮރު ހުޅުވައިދެއްވި އެއް ބޭފުޅެއް ކަމަށެވެ. އަދި މިހާރު ވެސް ގައުމުގެ މުހިންމު މަޤާމުތަކުގައި ހިދުމަތް ކުރާ އެތައް ބޭފުޅުންގެ އުސްތާޒެއް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ޝައިހު އިސްމާޢީލަކީ އިސްލާމީ ފޮތްތައް ދިވެހިބަހަށް ނަގައި ޝާއިޢުކޮށް، އިލްމު އާންމުކުރުމުގައި ވެސް ފާހަގަކުރެވޭ ހިދުމަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. ދ. މީދޫއަށް އުފަން ޝައިހު އިސްމާޢީލަކީ، ދިވެހި ރާއްޖޭގެ ކުރީ ޖީލުގެ އެންމެ މޮޅު ދީނީ އިލްމުވެރިންގެ ތެރޭ ހިމެނޭ ބޭފުޅެކެވެ.
ތައުޒިޔާގެ ނިމުމުގައި ރައީސް ވަނީ މަރްޙޫމްގެ އާއިލާއަށް އިޚުލާސްތެރި ހިތާމަ ފާޅުކޮށް، މާތް ﷲ މަރްޙޫމަށް ރަޙްމަތް ލައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތްތައް ދެއްވުމަށް ދުޢާ ކުރައްވާފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ، މަރްޙޫމް ފަޟީލަތުއްޝައިހު އިސްމާޢީލް މުޙައްމަދުގެ ޖަނާޒާ ނަމާދު މިއަދު މެންދުރު ނަމާދުގެ ފަހުން އިސްލާމީ މަރުކަޒުގައި ކުރެވޭނެ ކަމަށެވެ.



