ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާއިރު، ރާއްޖޭގެ 131 ރަށެއްގައި ވޯޓުލުން ކުރިއަށްދާނެ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. މި އިންތިހާބާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ، މިއީ ވަރަށް ވާދަވެރި އިންތިހާބަކަށް ވެގެންދާނެ ކަމަށެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ޕީއެންސީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ވޯޓާސް ލިސްޓު މިހާރު ޕާޓީގެ ވެބްސައިޓުގައި އާންމުކޮށްފައިވާއިރު، ލިސްޓަށް ޝަކުވާ ހުށަހެޅުމާއި ރީ-ރަޖިސްޓްރޭޝަނަށް ވެސް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ.
އިންތިހާބުގެ އިންތިޒާމުތަކާ ގުޅޭގޮތުން ފިރުޒުލް ވިދާޅުވީ، 131 ރަށު ދާއިރާގައި ވޯޓުލުން ކުރިއަށްދާއިރު، އަތޮޅުތަކުގެ އިތުރުން މާލޭގައި ވެސް ވޯޓުލުމުގެ ކަންކަން އިންތިޒާމު ކުރެވިފައިވާ ކަމަށެވެ. އަދި މިކަމަށް ބޭނުންވާ އިދާރީ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި އިންތިހާބުގައި ދާއިރާތަކުގެ ރައީސުން ހޮވުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޕީއެންސީ ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނެތް ދާއިރާތަކަށެވެ. މަޖިލިސް މެންބަރުން ތިއްބަވާ ދާއިރާތަކުގެ ރައީސުންގެ މަގާމު ފުރައްވަމުން ގެންދަވާނީ އެ މެންބަރުންނެވެ.
ޕީއެންސީން ނިންމާފައިވަނީ ދާއިރާތަކުގެ އިންތިހާބު މި ހަފްތާ ބަންދުގައި ބޭއްވުމަށްފަހު، ޕާޓީގެ މަތީ މަޖިލިސް އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ބޭއްވުމަށެވެ



