ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ މަރުކަޒުތަކަށް އެ ޕާޓީގެ އިސްވެރިން ޒިޔާރަތްކުރައްވައި، އިންތިހާބުގެ ކަންކަން ކުރިއަށްދާ ގޮތް މިއަދު ބައްލަވައިލައްވައިފިއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ އިތުރުން ޕީޖީ ލީޑަރު އިބްރާހީމް ފަލާޙު ވަނީ ވޯޓުލާ މަރުކަޒުތަކަށް ޒިޔާރަތްކުރައްވާފައެވެ.
މި ޒިޔާރަތުގައި ޕާޓީގެ ނައިބު ލީޑަރުންނާއި އެހެނިހެން އިސް މަގާމުތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއިރު، ބައެއް ބޭފުޅުން ވަނީ އިންތިހާބުގައި ވޯޓުވެސް ދެއްވާފައެވެ. އޭގެ ތެރޭގައި ޕީޖީ ލީޑަރު އިބްރާހީމް ފަލާޙު ހިމެނިވަޑައިގަންނަވައެވެ. ޕީއެންސީން ބުނި ގޮތުގައި މިއަދުގެ އިންތިހާބުގެ ވޯޓުލުން ރާއްޖޭގެ 131 ރަށެއްގައި ކުރިއަށްދާއިރު، މިއީ 2،000 އަށްވުރެ ގިނަ މަގާމަށް މީހުން އިންތިހާބުކުރުމަށް ބާއްވާ ވަރަށް ފުޅާ އިންތިހާބެކެވެ.
މި އިންތިހާބަކީ ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި މިހާތަނަށް އެންމެ ގިނަ މަގާމުތަކަށް މީހުން އިންތިހާބުކުރާ ފަހަރެވެ. މި އިންތިހާބުގައި ދާއިރާތަކުގެ ރައީސުން ހޮވުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޕީއެންސީ ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނެތް ދާއިރާތަކަށެވެ. މަޖިލިސް މެންބަރުން ތިއްބަވާ ދާއިރާތަކުގެ ރައީސުންގެ މަގާމު ފުރައްވަމުން ގެންދަވާނީ އެ މެންބަރުންނެވެ.
ޕީއެންސީން ނިންމާފައިވަނީ ދާއިރާތަކުގެ އިންތިހާބު މި ހަފްތާ ބަންދުގައި ބޭއްވުމަށްފަހު، ޕާޓީގެ މަތީ މަޖިލިސް އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ބޭއްވުމަށެވެ



