ހދ. ހޮނޑާފުށީގެ ދެކުނު ފަރާތުގައި އެންވެރިކަން ކުރަން އޮތް “ބަހުރު” ނަމަކަށް ކިޔާ މަސްދޯންޏަކުން ގެއްލިގެން ހޯދަމުންދިޔަ މީހަކު، އެ ރަށުގެ ގޮނޑުދޮށަށް ލައްގާފައި އޮއްވާ މިއަދު ހެނދުނު ފެނިއްޖެއެވެ. އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާގެ ރިޕޯޓް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ފަތިހު 04:05 ހާއިރުއެވެ.
މި ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ވަނީ ވަގުތުން އެ މީހާ ހޯދުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. ގެއްލުނު މީހާ ފެނިފައިވަނީ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އާންމުންގެ ޑިންގީއަކަށް، މިއަދު ހެނދުނު 05:55 ހާއިރު އެ ރަށުގެ ގޮނޑުދޮށުންނެވެ.
އެ މީހާ ފެނުމާއެކު، އަވަސް ސިއްހީ ފަރުވާ ދިނުމަށްޓަކައި ހެނދުނު 05:59 ހާއިރު ހދ. ހަނިމާދޫ ސިއްހީ މަރުކަޒަށް ވަނީ ގެންގޮސްފައެވެ. ހަނިމާދޫ ސިއްހީ މަރުކަޒާ ހަވާލާދީ އެމްއެންޑީއެފުން ވިދާޅުވީ، “ފަރުވާ ދިނުމަށްފަހު އެ މީހާގެ ހާލު މިހާރު ރަނގަޅު” ކަމަށެވެ.
މި އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރުގެ އިތުރުން، އެ ސަރަހައްދުގައި ހަރަކާތްތެރިވި އާންމުންގެ އުޅަނދުފަހަރުތަކުން ދިން ފުރިހަމަ އެއްބާރުލުން އެމްއެންޑީއެފުން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.



